ކައްކައި ގޭތެރެ ސާފުކޮށް ގޭގެ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ އަނބިންނަށް މަޖުބޫރު ކަމެއް ހެއްޔެވެ؟ މިސުވާލުގެ ރަނގަޅު ޖަވާބު ބުނެފިނަމަ އަހުރެން ދެކެ ރުލިއަންނާނެ ފިރިހެނުން ވަރަށް ގިނަވާނެއެވެ. އެހެންކަމާއިއެކުވެސް ރަނގަޅުޖަވާބަކީ އެއީ މަޖުބޫރުކަމެއް ނޫނެވެ.
އެކަމަކު އެކަނބަލުން އެމަސައްކަތްތައް ކުރާނަމަ ﷲ ތަޢާލާ އެކަނބަލުންނަށް ޘަވާބު ދެއްވަވާނެތެވެ. ވީމާ އެކަން ހިމެނިގެންދާނީ ކުރާ އަޅުކަމުގެ ތެރެއިންނެވެ. ސަބަބަކީ އެކަންކަން އެކަނބަލުން އެކުރަނީ ލޯބިން ކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށްވާތީއެވެ.
ދެން ބުނެލަން އޮތީ މިފަދަ މަސައްކަތެއް ކުރެއްވެވުމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދުވަހަކުވެސް އެއްވެސް އަނބިކަނބަލަކަށް މަޖުބޫރުކުރައްވަވާފައެއްވެސް ނެތެވެ.
އަހުރެންމެ މިވާހަކަކޮޅުން ނުބައި މާނަ ނަގަން "ޓްވިސްޓް" ނުކުރާށެވެ! އަހުރެންގެ ބޭނުމަކީ މަސައްކަތްނުކޮށްތިބެން އަންހެނުންނަށް ހިތްވަރުދިނުމެއް ނޫނެވެ. އަހުރެންގެ ބޭނުމަކީ އެކަންކަމަކީ އަނބިމީހާ ކޮންމެ ޙާލެއްގައި އުޅެމުންވެސް ކުރަން މަޖުބޫރުވާނެ ކަންކަން ކަމަށް ބަލައި ނުކުރެވިއްޖެނަމަ އެކަނބަލުންނަށް އަނިޔާވެރިނުވުމަށް ބުނުމެވެ.
ކެއްކުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުމާއި ކުދިން ބެލުމަކީ ހެޔޮލަފާ އަނބިން ވަރަށް ލޯބިން ކުރާހިތުން ކުރާ ކަންކަމެވެ. އެކަނބަލުންނަށް އެކަންކަން ނުކުރެވިދާނީ ބަލިވުން، ނުވަތަ މަސައްކަތްބުރަވުން ފަދަ ވަރަށް ބޮޑު މަޖުބޫރީ ޙާލަތެއް ކުރިމަތިވުމުންނެވެ. އެޙާލަތުގައި ކުރިން މިބުނި ފަދައިން އެއީ އެކަނބަލުންނަށް ކުރަން މަޖުބޫރު ކަންކަން ކަމަށް ދެކެގެން އެކަނބަލުންނަށް މަޖުބޫރުކުރުވައި ހިތުގައި ޖެހޭނެ ފަދަ ބަސްތައް ނުބުނާށެވެ. އެއިގެ ބަދަލުގައި އެކަނބަލުންނަށް ހަމްދަރުދީވެ އެހީތެރިވެދޭށެވެ. އެއިރުން ދެމަފިރިންގެ މެދުގައި ލޯތްބާއި ކުލުނުވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން