ދޮށީ ދަރިފުޅު ކައިވެނިކޮށްގެން ދިރިއުޅެނީ ވަކިންނެވެ. އެއްދުވަހަކު ގެއަށް ދިއުމުން ފެނުނީ މަންމަގެ މޫނުމަތީގައި ޖެހިޖެހީނުން ދެލޯ ދުޅަކޮށްލާފައި ވަނިކޮށެވެ. އެކަމާ ޙައިރާންވެގެން ސުވާލުކުރުމުން ބައްޕަ ބުނީ މިއީ ދެމަފިރިންގެ މައްސަލައެއް ކަމަށާއި އެކަމާއި ނުބެހުމަށެވެ. ދަރިފުޅު ބުނީ ބައްޕަ ބުނިނަމަވެސް ތިއަކަން ތިއަގޮތަށް ދޫކޮށްނުލެވޭނެ ކަމަށެވެ.
ސުވާލުތައް ކުރުމުން އެނގުނީ ކައިވެނިކޮށްގެން 3 ދަރިން ގެއިން ނުކުތް ދުވަހުން ފެށިގެން އުޅެންޖެހެނީ މިފަދަ ޙާލުގައި ކަމެވެ. ދަރިފުޅު ބުންޏެވެ. "އަހުރެމެންގެ ގާތުގައި އަބަދުވެސް ބައްޕަ މަންމައަށް ތައްރީފްކުރީމުއެވެ. ކުއްލިއަކަށް މިވީ ކިހިނަކުން ހެއްޔެ؟ މަންމަ ބައްޕައަށާއި އަހުރެމެންނަށް ކޮށްދިން ޚިދުމަތުގެ އަގުތިއަދެނީ މިގޮތަށް ހެއްޔެވެ؟"
"ބައްޕާއެވެ! މިއީ ދެމަފިރިއެއްގެ މައްސަލައެއް ނޫނެވެ. އަޅުގަނޑުގެ ބައްޕަ އާއި މަންމަގެ މައްސަލައެކެވެ. މަންމަ އެއްޗަކުން ޖަހައި ބައްޕަގެ ބޯފަޅައިލިނަމަ ބައްޕަ ބުނާނީ މިއީ ދެމަފިރިންގެ މައްސަލައެއް ކަމަށާއި އެކަމާއި ނުބެހުމަށް ހެއްޔެވެ؟
ބައްޕާއެވެ! އަޅުގަނޑު މިވަޤުތާއި ހަމައަށް މިހުރީ ބައްޕައަށް ފަޚުރުވެރިވެގެންނެވެ. ހީރޯއެއް ކަމަށް ދެކެގެންނެވެ. އެކަމަކު ބައްޕަ ތިއަ ނަގައިލީ އެހުރިހާ މަޤާމެކެވެ. ބައްޕާއެވެ! ނިކަން ބުނެބަލާށެވެ! ބައްޕަ ތިއަބުނަނީ ގެއަށްގޮސް ބައްޕަ ފަދައިން އަހުރެންވެސް އަހުރެންގެ އަނބިމީހާގެ މޫނުމަތީގަ ޖަހާ ދެލޯ ދުޅަކޮށްލަން ހެއްޔެވެ؟"
ބައްޕަ ވަރަށް ދެރަވިއެވެ. ކުށް ޤަބޫލުކުރެވުނެވެ. މާފަށް އެދުމުން ދަރިފުޅު ބުންޏެވެ. "މާފަށް އެދެންވީ އަހުރެންގެ ކިބައަކުން ނޫނެވެ. މަންމަގެ ކިބައިންނެވެ. އަހުރެން ބައްޕައަށް މާފުކުރާނީ ބައްޕަގެ ކިބައިން މިފަދަ އެއްވެސް ކަމެއް ނުފެންނާނެކަން ޔަޤީންކުރެވުނީމައެވެ."
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ވީގޮތެވެ. އަޅުގަނޑަކީވެސް ހަމަ މިގޮތަށް ފިރިމީހާގެ އަނިޔާ ލިބެމުން އަންނަ މަންމައަކީމެވެ. ދަރިއެއްގެ ކިބައިން މިފަދަ ބަހެއް ދުވަހަކުވެސް އަޑުނުއިވޭތީ މިވީޑިއޯ ފެނުމުން ވަރަށް އަސަރުކުރިއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް