ރޭގަނޑުގެ ފަހުދަންފަޅިން ވަޤުތުކޮޅެއް ރޭއަޅުކަމަށް ޚާއްޞަނުކޮށް ފަރުވާކުޑަކުރަން ހެޔޮނުވާނެ! ނިކަން މިކަންކަމަށް ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރޭގަނޑުގެ ފަހުދަންފަޅިން ވަޤުތުކޮޅެއް ރޭއަޅުކަމަށް ޚާއްޞަނުކޮށް ފަރުވާކުޑަކުރަން ހެޔޮނުވާނެ! ނިކަން މިކަންކަމަށް ވިސްނާލަބަލަ!

ރޭއަޅުކަމުގެ ވަޤުތަކީ ރޭގަނޑުގެ ފަހުދަންފަޅީގެ ވަޤުތު ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ބައެއް ސަބަބުތައް  ބަޔާންކޮށްލެވޭތޯ މަސައްކަތްކޮށްލާނަމެވެ. އިން ޝާ ﷲ  

ދުވާލުގެ ނަމާދުތަކަށް ބަލައިފިނަމަ ނަމާދުކުރަމުންގެންދާއިރު ނުވަތަ ނަމާދަށް ހުންނައިރުގައިވެސް ނަމާދު ނިމިގެން ދެންކުރަން ހުންނަ ކަންކަމަށް ނުވިސްނަން މަސައްކަތްކުރިނަމަވެސް ގިނަބައަކަށް ވިސްނޭނެއެވެ. އަދި ދުވާލުގެ ނަމާދުތައް ކުރަނީ ކުރަން ހުންނަ މަސައްކަތްތައް ޤުރްބާން ކޮށްފައެވެ. އެކަންކަމުގެ ސަބަބުން ޚުޝޫޢަތްތެރިކަން ކުޑަވެގެންދާނެއެވެ. އެކަން ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.  

ރޭގަނޑުގެ ފަހުބައިގައި ތެދުވުމުން އެބާވަތުގެ އެއްވެސް ކަމަކަށް ވިސްނާކަށް ނުޖެހޭނެއެވެ. އެދުވަހު ކުރަންޖެހުނު ކަންކަން ހުންނާނީ ކުރެވިފައެވެ. އަދި އިރާކޮޅުން ފެށިގެން ނިދައިލުމުން ސިކުނޑި ހުންނާނީ ތާޒާވެފައެވެ. ވީމާ ދަމުނަމާދަށް ހުންނައިރު ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ވިސްނުމުގެ ފުރުޞަތު އޮންނާނީ ވަރަށް ބޮޑަށް ފަހިވެފައެވެ.  

ﷲ ތަޢާލާ ލޯބިވެވ ވޮޑިގަންނަވަނީ ނަމާދަށް ހުންނައިރު ވީހައި ބޮޑަށް ޚުޝޫޢަތްތެރިވުމަށެވެ. ހަމައެކަނި ނަމާދުގައި ކިޔާތަކެއްޗަށާއި ﷲ ތަޢާލާގެ ޙަޟްރަތާއިމެދު ވިސްނައިގެން ނަމާދުކުރުމަށެވެ. ވިމާ މިބަޔާންކުރި ސަބަބުތަކަށް ބެލިނަމަވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ގޮތަށް ކުރުމުގެ ފުރުޞަތު އެންމެ ބޮޑީ ދަމުނަމާދުގައިކަން އެނގިގެންދެއެވެ.  

ރޭގަނޑުގެ އިރާކޮޅުން ފެށިގެން ނިދާފައި ހޭލައިގެން ދަމުނަމާދުކުރާނަމަ ޤުރްބާންކުރަން ޖެހޭނީ ނިދިން މިންވަރެކެވެ. އެހެން އެއްވެސް ކަމެއް ޤުރްބާންކުރާކަށް ނުޖެހޭނެއެވެ. ނިދިން އުނިވެގެންދާބައިގެ ބަދަލުގައި ﷲ ތަޢާލާ އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުމުން ކުރާ ފައިދާ މާބޮޑުވާނެއެވެ. ނިދިން ބައެއް މަދުވިކަން އިޙްޞާޞްވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ  

މިފަދަ ހުރިހާ ކަމަކަށް ވިސްނުމުންވެސް އެނގެނީ މީސްތަކުން ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި ރޭއަޅުކަންކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. އެވަރުގެ މަތިވެރި އަޅުކަމެއް ނުކޮށް ފަރުވާކުޑަކުރަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟  


- މަޢްލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން