ޔާ ﷲ! ރަމަޟާންމަހު މިއަޅާ ކުރި ހުރިހާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާނދޭވެ! މިއަޅާ ކުރި ދުއާތައް ޢިޖާބަކުރައްވަވާނދޭވެ!
މިއަޅާއަށް ސިއްރާއި ފައުޅުނުގައި އަދި ނުއެނގުހުރެވެސް ކުރެވިފައިވާ ހުރިހާ ފާފަތަކަށް ޢަފޫކޮށްދެއްވަވާނދޭވެ! އިނބަ ﷲ އީ އަޅުތަކުންގެ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ.
ޔާ ﷲ! މިރަމަޟާންމަހު ނަރަކައިން މިންޖުކުރައްވަވައި ސުވަރުގެ ވައްދަވަން އިނބަ ﷲ އިރާދަކުރައްވަވާ އަޅުންގެ ތެރޭގައި މިއަޅާ ލައްވަވާނދޭވެ!
ޔާ ﷲ! ނަރަކައިގެ އަލިފާނުގެ ހޫނުކަމުން ޛައްރެއްގެ މިންވަރުވެސް އިޙްޞާޞްކުރަން ނުޖެހޭނެ މީހަކު ކަމުގައި މިއަޅާ ލައްވަވާނދޭވެ! ޔާ ﷲ މިއަޅާއަށް ޖަންނަތުލް ފިރުދައުސް ދެއްވަވާނދޭވެ! އާމީން! ޢާމީން! އާމީން!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާންމަހަށް ފެށުނީންސުރެ ޞަޙާބީން ގެންދެވީ މިމަގުން ދުޢާކުރައްވަވަމުންނެވެ. ރަމަޟާން މަސް ނިމި ޖެހިގެން އަންނަ ހަމަހުގައިވެސް އެބޭކަލުން ދެމިތިއްބެވީ މިފަދައިން ދުޢާކުރެއްވެވުންމަތީގައެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން