ބޭބެގެ ގައިގަ ބޮޑުބައްޔެއް ހުންނަކަމަށް ބެލެވޭތާ އެތައް ދުވަހެއްވެއްޖެ! ބޭބެ ބަލިނުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ބޭބެގެ ގައިގަ ބޮޑުބައްޔެއް ހުންނަކަމަށް ބެލެވޭތާ އެތައް ދުވަހެއްވެއްޖެ! ބޭބެ ބަލިނުވަނީ ކީއްވެ؟

ބޭބެގެ ގައިގަ ބޮޑުބައްޔެއް ހުންނަކަމަށް ބެލެވޭތާ އެތައް ދުވަހެއްވެއްޖެ! ބޭބެ ބަލިނުވަނީ ކީއްވެ؟ މިސުވާލުމިކުރަނީ ބަލިހުރިކަމަށް ޓެސްޓްތަކުން ދައްކައެވެ. އެކަން ޑޮކްޓަރުން ބުނެދެއެވެ. އެކަމަކު ބޭބެ ބައްޔެއް ނުވެއެވެ. އުޅެނީ ހަމަ ޢާންމު ދިރިއުޅުމެކެވެ.  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ފުރަތަމަ މިބަޔާން ކުރަނީ ޢިލްމުވެރިޔަކު ދެއްވާފައިވާ ޖަވާބަކާއި ގުޅުންހުރި ހާދިސާއެއްގެ ވާހަކައެވެ.   

"ބަލީގެ ޢަލާމާތްތައް ފެނި އެކަމަކު ބަލިނުވާނަމަ އެއީ ވަރުގަދަ އިންޡާރެކެވެ. އެޢަލާމާތްތައް އެބުނަނީ ކޮންމެ ވަޤުތަކުވެސް ތިބާގެ ބަލި ބޮޑުވެދާނެއެވެ. ﷲ ތަޢާލާ ޢާއި ކުއްތަންވުމަށް މިހާރަށްވުރެވެސް ބޮޑަށް މަސައްކަތްކުރާށެވެ! ބަލި ނުޖެހޭނަމަ ނުވަތަ ބަލީގައި ބޮޑުވަރުނުވާނަމަ  ﷲ ތަޢާލާގެ ރަޙްމަތަށް ޝުކުރުވެރިވުން އިތުރުކުރާށެވެ!"  

ދެން މިގެނެސްދެނީ ދުނިޔެ ސިއްސުވައިލި ކޮރޯނާގެ ދުވަސްވަރު ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. ފެނުނު ޢަލާމާތަކީ ކޮރޯނާގެ ޢަލާމާތެވެ! ފުރަތަމަ ދެއްކީ ހުންވެސް ހުރިކަމަށެވެ. ދެން ދެއްކީ ހުން ނެތް ކަމަށެވެ. އެހެންވެ ޑޮކްޓަރަށް ނުވެސް ދައްކައެވެ. ފަހުން އެއްވެސް ބައްޔެއް ނުވެއެވެ.   

ނިދުމުގެ ކުރިން ޝަހާދަތް ކިޔުން ގިނަކޮށް ﷲ ހަނދުމަކޮށްގެން ނިދާ މީހަކަށް މިންވަރު ކުރެއްވެވި ރަޙްމަތުގެ ވާހަކަ! 

އޭނާއަކީ ނިދުމުގެ ކުރިން ވީހައި ގިނައިން ޝަހާދަތް ކިޔާ މީހެކެވެ. ޝަހާދަތް ކިޔުން ކަމަށް މިބުނަނީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ ޛިކުރުކަމުގައިވާ لا إله إلا الله ކިޔާ ވާހަކައެވެ. އަދި އެނޫންވެސް ޛިކުރުތައް ވީހައި ގިނައިން ކިޔާ މީހެކެވެ. ނިދުމުގެކުރިން ވުޟޫކުރާ މީހެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްގެން އޮވެ ނިދަން މަސައްކަތްކުރާ މީހެކެވެ.  

އޭނާގެ ނޭފަތް ހިރުވަން ފެށިއެވެ. ލޯވެސް ހިރުވަން ފެށިއެވެ. ހުންވެސް އައެވެ. މި ޢަލާމާތްތައް ފެނުމުން އޭނާ ހޮސްޕިޓަލަށް ދިއައެވެ. އަމިއްލައަށް ބޭސް ނުކައި އަވަހަށް ޑޮކްޓަރެއްގެ ފަރުވާ ހޯދުމަށެވެ.  

ހޮސްޕިޓަލުގެ ޕޯޓިކޯއިން އޭނާ ސްކޭން ކުރިއެވެ. ސްކޭން ކުރަން ތިބި 2 މީހުންގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. ދެވަނަ ފަހަރު ސްކޭން ކުރިއެވެ. އަދި 3 ފަހަރުވެސް ސްކޭން ކުރިއެވެ. ނަތީޖާއަކަށްވީ "ޔޫ އާ އޯކޭ!" އެވެ. "ފުރަތަމަ ކުރި ސްކޭން އިން ހުން ހުރިކަމަށް ދެއްކި! ނަމަވެސް ކަލޭގެ ގައަކު މިހާރު ހުމެއް ނެތް!" ކަމަށް ބުންޏެވެ.  

އެ ހިސާބުން އޭނާ ޑޮކްޓަރަކަށް ނުދައްކައެވެ. އަދި ނޭފަތް ހިރުވުމާއި ލޮލަށް އުނދަގޫވުންވެސް ވަނީ ފިލައިފައެވެ! ހަމަ އެންމެ ބޭސް ގުޅައަކާއިވެސް ނުލައެވެ!

ކޮންމެ މީހަކަށް އެއްގޮތަކަށް ކަންކަން މެދުވެރި ނުވެދާނެއެވެ! އިންސާނުން ބަލިވެސް ވާނެއެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވީވެސް ނުހަނު ގަދަ އާލާސްކަންފުޅާއި އުޅުއްވެވުމަށްފަހުގައެވެ. އަހަރެމެން އުންމީދުކުރަންވީ ﷲ ތަޢާލާގެ ރަޙްމަތަށެވެ! އަވަސް ޝިފާއަށެވެ! އެކަމަށް އޮތް މަގަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަން އިތުރުކުރުމެވެ! ހެޔޮ މަގުގައި ސާބިތުވެ ހުރުމަށް މަސައްކަތްކުރުމެވެ.

 

(މިލިޔުން ލިޔުނީ މިއަދުނޫހަށް ވަރަށް އިތުބާރު ކުރެވޭ މީހަކު އޭނާއަށް ދިމާވި ޙާލަތުކަމަށް ބުނެ ދީފައިވާ މައްލޫމާތުގެ މައްޗަށެވެ!)

މިއަދު އޮންލައިން