ނިކަން ވިސްނައިލަބަލާށެވެ! އިންވެގެން އޮތްދެއަވަށެވެ. އެއް އަވަށުގެ މީހުން އުޅެނީ ވާރޭފެންފޮދެއް ނުވެހިގެންނެވެ. އަނެއް އަވަށުގައި އުޅެނީ ވާރޭވެހި ފެންބޮޑުވެގެންނެވެ.
ދެން ޖަޒީރާ ރަށްތަކަށްބަލާއިރު ގިނަވާނީ މަސްވެރިންނެވެ. މަހަށް ނުކުންނަނީ އެއްކަނޑަކަށެވެ. އެކަމަކު މަސްބޭނެނީ އެކިވަރަށެވެ. ތަފާތު ވަރަށް ބޮޑޫވެސްވެއެވެ.
ހަމައެކަނި މިކަންކަމަށް ވިސްނައިލިނަމަވެސް ދުނިޔޭގައި މިހިނގާ އެއްވެސް ކަމެއްގެ ކޮންޓްރޯލް އަހުރެމެންގެ އަތުގައި ނެތްކަމާއި ކޮންޓްރޯލްވީ އެހެން ފަރާތެއްގައިކަން ޤަބޫލުކުރެވޭނެއެވެ.
މައްކާގެ މުޝްރިކުން، އެމީހުންނަށް ﷲ ތަޢާލާ ދެއްކެވި ކޮންމެ މުޢްޖިޒާތައް ހަދަމުން ގެންދިއައީ ސިހުރަކަށެވެ. އެއީ ޙަޤީޤަތްކަން އެނގި ތިބެވެސް، އަދި އެއީ ޙަޤީޤަތް ކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެކަމަށް އެއްބަސްވާން ބޭނުން ނުވުމުން އުޒުރެއްގެ ގޮތުންނެވެ. މިއަދުވެސް ފެންނަމުން މިދަނީ ހަމަ އެފަދަ ކަންކަމެވެ.
އިންސާނުންގެ ތެރޭގައި ޣައިބަށް އީމާންވާން އުނދަގޫވެގެން އުޅޭ ބައަކު އަބަދުވެސް އުޅެއެވެ. އެއީ މިއަދު އަލަށް ފެށިގެން އުޅޭ ކަމެއް ނޫނެވެ. ރަސޫލް (ﷺ)ގެ ޒަމާނުގައިވެސް އެފަދަ މީހުން އުޅުނެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާ ތަފާތު މުޢްޖިޒާތްތައް ދެއްކެވުމުން ވެސް އެމީހުން ދެއްކީ ބަހަނާތަކެވެ.
ޣައިބަށް އީމާންވުމުގައި މައްސަލަތައް މިއުފެދެނީ އެހެންވެގެންނެވެ. ތިމާއަކީ އެއްވެސް އާރެއް ބާރެއް ނެތް މީހެއްކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މަރުވާނެކަންވެސް އެނގޭނެއެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ބަލި ނުވެ ގަދަ ސަލާމަތުން ހުރުމަށެވެ. ދުވަހަކުވެސް މަރު ނުވުމަށެވެ. އެހެންކަމަށްވާއިރު އެއްވެސް އިންސާނަކީ އެއްވެސް އާރެއް ބާރެއް ހުރި މީހަކު ނަމަ ހަމައެކަކުވެސް މަރުނުވެ ދިރި ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ ބަލި ނުވެ މުޅި އުމުރުގައި ގަދަވެ ސަލާމަތުން ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟
މިފަދަ އެންމެ އާދައިގެ ކަންކަމަށް ބަލައިލި ނަމަވެސް ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި ޣައިބުގައި ކަންތައްތަކެއް ހިނގަމުންދާކަމުގެ ޘާބިތު ހެކިތައް މިހިރީ ފެންނާށެވެ. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް މިކަންކަން ޤަބޫލުވެސް ކުރެވޭނެއެވެ. ވީމާ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކޮށް ޣައިބަށް އީމާންވާން ދެކޮޅު ހަދަނީ ދުނިޔަވީ މަންފާތަކެއް ލިބިގަތުން ނޫން އެއްވެސް ބޭނުމަކު ނޫނެވެ.
ދުނިޔޭގައި މިއަދު މިފަދަ މައްސަލަތައް ގިނަ ކަމަށް ބެލެވެނީ އަމިއްލަ އެދުން ބޮޑު މީހުން ގިނަވާތީއެވެ. ކޮންމެ ދިމާއަކުން ކޮންމެ ގޮތަކުން ލިބެން އޮތް ނަމަވެސް ދުނިޔަވީ ފައިދާތައް ލިބިގަންނަން ބޭނުންވާ މީހުން ގިނަވާތީއެވެ. މިއީ މުސްލިމުން ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ. އިސްލާމް ދީނާއި ދެކޮޅަށް ކުރެވޭ ކެންޕޭނުތަކުން ދުނިޔެ ފުރިފައިވާއިރުވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިސްލާމް ދީން ކަމަށްވާތީއެވެ. އެހެން ދީންތަކުން އެންމެ ގިނަ ބައަކު ބަދަލުވަމުންދަނީ އިސްލާމް ދީނަށް ކަމުގައިވާތީއެވެ.
އަހުރެން ބުނާނީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ ކަމަށް ބުނާ މީހުންނާއި ޣައިބަށް އީމާން ނުވާ މީހުންނަކީ އެމީހުން ދިރިތިއްބައި ނަރަކައިގެ ހޫނު އަލިފާން އެމީހުންގެ ވަށައިލެވިފައިވާ ބައަކު ކަމަށެވެ. އެފަދަ މީހުންނާއި ކައިރިވެސް ނުވާށެވެ! އެމީހުން ފަދައިން ތިބާއަކީ ވެސް އެމީހުން ފަދައިން ނަރަކައިގެ އަލިފާނުން ވަށައިލެވިފައިވާ މީހަކަށްވެދާނެކަމަށް ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން