މިޙާދިސާ މިގެނެސްދެނީ މިފަދަ މައްސަލައެއް ދިމާވެގެން ޢިބްރަތްތެރި ވާހަކައަކަށް ކިޔުންތެރިއަކު އެދުމުންނެވެ. އުންމީދުކުރަނީ ހިތަށް ހަމަޖެހުން ލިބޭނެ ކަމަށެވެ. އިން ޝާ ﷲ
ކުރެވޭ ތުހުމަތުގެ މައްޗަށް މީހުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި ބަދުނާމްކުރުމަކީ ކިތަންމެ ނުބައިކަމެއް ނަމަވެސް އެފަދަ ކަންކަންކުރާ މީހުން އުޅެއެވެ. އަދި އެއީ މަދު ބައެއް ކަމަށް ބުނެވޭވަރަށްވުރެ އެކަންކުރާ މީހުން ގިނައެވެ.
އެފަދަ ކަންކަން ކުރާނަމަ އެކަން އެނބުރި އެމީހަކަށް އަންނާނެ ކަމަށް ބުނެވެނީ ގިނަފަހަރު އެކަން އެގޮތަށް ދިމާވާތީއެވެ. ދުނިޔޭގައިވެސް އެކަމުގެ ސަބަބުން ހިތްދަތިކަން ކުރިމަތިވާތީއެވެ.
ތިރީގައި އެވަނީ އެފަދަ ކަމެއް ކުރި އަންހެނަކަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކައެވެ.
އަޅުގަނޑަކީ އުމުރުން 30 ވަރަކަށް އަހަރުގައި (ދަރިފުޅަށް 5 އަހަރުގައި) ވަރިކުރުމުން އެކަނިވެރި މައެއްގެ ގޮތުގައި ދިރިއުޅެމުން އައި އަންހެނަކީމެވެ. ފުރަތަމަ ފިރިމީހާ އަޅުގަނޑު ދޫކޮށްލުމުން އިތުރު ފިރިއަކު ހޯދަން މަސައްކަތެއް ނުކުރަމެވެ.
އަޅުގަނޑު އޮފީހަށްދާ ވަގުތުތަކުގައި މަންމަ ޢާއި ދައްތަމެން ދަރިފުޅު ބަލައިދެއެވެ. އަޅުގަނޑު މަސައްކަތްކުރީ ދަރިފުޅުގެ ބައްޕައަށްވެސް އެހެން މީހަކަށްވެސް އާދޭސްނުކޮށް ދަރިފުޅުބެލޭތޯއެވެ. ޢާއިލާގެ އެހީތެރިކަމާއިއެކު އެކަން އަޅުގަނޑަށް ޙާޞިލުކުރެވުނެވެ.
އެކަނިވެރިވިފަހުން އެކުވެރިންގެ ގޮތުގައިވެސް މާގިނަ ފިރިހެނުންތަކެއް ނުގެންގުޅެމެވެ. ގެންގުޅުނީ ވަރަށް އިތުބާރުކުރެވޭ، ހެޔޮ ނަޞޭޙަތްދޭ 2، 3 އެކުވެރިއެކެވެ. ވަރިކުރިތާ 5 ވަނަ އަހަރު ވަރަށް ހިތްދަތިވާންޖެހުނު ކަމެއް މެދުވެރިވިއެވެ. އެއީ އެކުވެރި ފިރިހެނެއްގެ އަނބިމީހާ ނުބައި ތުހުމަތު ކުރުމެވެ. އަޅުގަނޑަށްވެސް ދަރިފުޅަށްވެސް ނުބައި ބަސްތައް ބުނެހެދިއެވެ. އެކަން ދަރިފުޅަށްވެސް އެނގުނެވެ.
ކުރިތުހުމަތަކީ އެއްވެސް ޙަޤީޤަތެއް އޮތް ތުހުމަތަކަށް ނުވާތީ ރައްދެއްވެސް ނުދެމެވެ. ހަމައެކަނި ބުނެލިހައިވެސް ބަހަކީ ތިއަކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ.
ކޮންމެއަކަސް އަޅުގަނޑާއި އެކުވެރިޔާ އާއި އޮތްގުޅުން ދެމިއޮތެވެ. ކަމަކު މަޝްވަރާކޮށްލަން ބޭނުންވުމުން ގުޅައި ދެމީހުންވެސް މަޝްވަރާކުރަމުއެވެ. އަދި ދެމީހުން އެކަނި ނުވާނެ ގޮތަށް ރައްޓެހިންނާއިއެކު ކާންވެސް ގޮސް އުޅެމުއެވެ.
އަހަރުތައް ފާއިތުވަމުން އައިސް އެކުވެރިޔާއަށް ކާފަކިޔައިފިއެވެ. އަޅުގަނޑަށް މާމަކިޔައިފިއެވެ. އެއްދުވަހަކު ލިބުނު ފޯނުކޯލެއްގައި އެކުވެރިޔާގެ އަނބިމީހާ ބުނީ އަޅުގަނޑާއި ބައްދަލުކޮށްލަން ބޭނުން ކަމަށެވެ. އަޅުގަނޑު އުފަލާއިއެކު މަރުޙަބާ ކީމެވެ.
ބައްދަލުކޮށްފައި އޭނާ ބުނީ އޭނާ ވަރަށް ބަލިވެއްޖެކަމަށާއި ފިރިއެއްގެ ކަންކަން ނުބެލެހެއްޓޭވަރުވެއްޖެ ކަމަށެވެ. އަދި ދެއަންތބަށް އެކުވެރިޔާ އާއި ކައިވެނިކޮށް ދިނުމަށް އެދޭކަމަށެވެ. އަދި އަޅުގަނޑުގެ ކިބައިން އެކަމަށް އެދުނީ އަޅުގަނޑުގެ އަޚްލާޤާއި ކަންކަން ރަނގަޅަށް އެނގޭތީ އޭނާއަށް ދެރަގޮތެއް އަޅުގަނޑު ނުހަދާނެކަން ޔަޤީންކުރެވޭތީ ކަމަށެވެ.
އަޅުގަނޑު ބުނީމެވެ. "ތިއައީ މިހައިތަނަށް އެއްވެސް ވަރަކަށް ވިސްނާފައިވެސް އޮތްކަމެއް ނޫނެވެ. މިވަގުތާއި ހަމައަށްވެސް ނިންމައިގެން މިހިރީ އިތުރު ކައިވެންޏެއް ނުކުރުމަށެވެ. ނަމަވެސް ކަމަކު އެދޭ އުޞޫލުން ތިއަ ކަމަށް އެދުނީތީ އަހަރެން މިހިރީ ޤަބޫލުވެގެންނެވެ. ފިރިމީހާ (އަޅުގަނޑުގެ އެކުވެރިޔާ) ޤަބޫލުނަމަ، އެކުވެރިޔާ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންނަމަ އަވަހަށް ފޯމްލާން ބުނާށެވެ!"
ޢުމުރުން 55 އަހަރުގައި މިވަނީ އެކުވެރިޔާ އާއި ކައިވެނިކުރެވިފައެވެ. އަދިވެސް އަޅުގަނޑަށް ފިރިމީހާ އާއިމެދު ބޮޑަށް ދެކެވެނީ އެކުވެރިއެއްގެ ގޮތުގައެވެ. ހަމަޤައިމުވެސް ކައިވެނިކުރުމާއި ހަމައަށް ދެމީހުންގެ މެދުގައި ލޯބީގެ އެއްވެސް ވާހަކައެއް ދެކެވިފައެއްވެސް ނުވާނެއެވެ.
މިވާހަކަކޮޅު ހިއްޞާކޮށްލި ހަމައެކަނި ބޭނުމަކީ ނުބައި ، ދޮގު ތުހުމަތުތައްކޮށް އެކަކު އަނެކަކަށް ނުބައި ބަސްތައް ނުބުނަން ބާރުއެޅުމެވެ. ޝައްކުގެ މައްޗަށް ބުރަވެ އެއްވެސް މީހަކަށް ހިތް ނުބައި ނުކުރަން ބުނުމެވެ. އެދުވަހު އަޅުގަނޑު އެކަން ކަމަކަށް ނުހެދީއެވެ. ނަމަވެސް އެފަދަ ތުހުމަތުތައް ކުރުމުން ގިނަ މީހުންނަށް، ގިނަ ފަހަރު އޮންނާނީ ހަމަ ބަދަލުހިފަންވެސް އެކަމެއް ކޮށްފައެވެ.
- ޙަސީނާ އިސްމާޢީލް/ މިއަދުނޫހުގެ ކިޔުންތެރިއެއް