މިވާހަކަ ދެއްކުމުގެ ބޭނުމަކީ ތިމާއެދޭހައި ކަމެއް ނުކުރާނަމަ ދެމީހުން ވަކިވާން ހިތްވަރުދިނުމެއް ނޫނެވެ.
ބޭނުމަކީ ކައިވެނިކުރުމަށްފަހު ދެމީހުންވެސް މަސައްކަތްކުރަންވާނީ އަނެކާ އެދޭގޮތަށް ތިމާ ބަދަލުވުން ކަމަށް ބުނުމެވެ. އުފާވެރިކަމާއިއެކު ދިރިއުޅެވޭނީ އެއިރުން ކަމަށްވާތީއެވެ.
މިވާހަކަ މިބުނަނީ ވަކި މީހަކަށް ނޫނެވެ. ދެމަފިރިންނަށެވެ. މިމައްސލައަކީ އަނބިމީހާ ނުވަތަ ފިރިމީހާ އެކަނި ސަމާލުކަންދޭންޖެހޭ މައްސަލައެއް ނޫނެވެ. ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެ މައްސލައެކެވެ.
އެއީ ކައިވެންޏަށްފަހު އަނެކާ އެދޭ ގޮތަށް ޢަމަލުތައް ނުބަހައްޓާތީ، ކަންކަން ނުކުރާތީ ވިސްނަން ޖެހޭނަމަ އެމައްސަލައެވެ. މިއީ ވަރަށް ނުރައްކާ ކަމެކެވެ. އެކަމުން އަންގައިދެނީ ވަރަށް ނުބައި މެސެޖެކެވެ. އެއީ ވަރަށް ނުބައި ކަމެއްގެ އިންޒާރެވެ!
ކައިވެނިކުރާއިއރު އަނެކާ އެންމެ ބޮޑަށް ބޭނުންވާ ހުރިހާ ކަންކަން ނުއެނގިދާނެއެވެ. ދެމީހުން އެކުގައި ފިރިއުޅެން ފެށުމުން އެނގޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން އެނގުމުން ބައިވެރިޔާ ބޭނުންވާ ގޮތަށް ނުވަތަ ބައިވެރިޔާ އެދޭފަދައިން އަނެކާގެ ޢަމަލުތައް ބަދަލުކުރަން މަސައްކަތްކުރަންވާނެއެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުނުކުރެވުނަސް ވީހާ އަވަހަކަށް ބަދަލުކުރަންވާނެއެވެ. އެންމެ ކުޑަމިނުން ބަދަލުކުރަމުން ގެންދާ ކަމުގެ ހެކި ދައްކަންވާނެއެވެ. އަދި ލަސްވާނަމަ އެމީހަކު އިސްވެ އެވާހަކަ ދައްކަންވާނެއެވެ.
އެގޮތަށް ކަންތައް ނުކޮށް، އަނެކާ އެދޭ ގޮތަށް ކަންކަން ބަދަލުނުކުރާނަމަ އެއިގެ މާނައަކީ އޭނާ ބަދަލުކުރަން ބޭނުންނުވާކަމެވެ. އެހިސާބުން ވިސްނަންވީ ބަދަލުނުކުރިޔަސް އެއީ މައްސަލައަކަށް ނުހަދައި ތިމާއަށް ކެތްކުރެވިދާނެ ކަމާއިމެދުގައެވެ. ޖަވާބަކީ ކެތް ނުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭނަމަ ރަނގަޅު ގޮތަކީ ދެމީހުން ވަކިވުން ކަމެވެ.
އެޙާލަތުގައި އެކުވެރިން ނުވަތަ އެހެން މީހުން ކޮށްފާނެ ފުރައްސާރައަކަށް ނުބަލާށެވެ! ބަލަންޖެހޭނީ ޔިމާގެ އަމިއްލަ ޙާލަތަށެވެ. އަނެކާގެ ކިބައިން ފެންނަ ތިމާގެ ހިތް ނުރުހޭ ކަންކަމަށް އަބަދުވިސްނަންވެއްޖެނަމަ އެކަން ބައްޔަކަށްވެދާނެއެވެ. ސިކުނޑި ވަރުބަލިވެ ބަލިކަށިވެދާނެއެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ.
- އަލަފް / މިއަދުނޫސް