މިއަދު މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކު ތިބީ ކާފަރުން ކުރާ ކޮންމެ ކަމެއް ކުރަން ބޭނުންވެގެންނެވެ. ކާފަރުން އުޅޭހައި ގޮތަކަށް އުޅެން ބޭނުންވެގެންނެވެ. ކާފިރަކު ލުއްބު ހޮރަކަށް އަތް ބޭނި ނަމަވެސް އޭނާގެ ފަހަތުން މުސްލިމުން އަތްބާނާނެ ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅުގެ ތެދުކަން މިއަދު ނުފެނޭ ހެއްޔެވެ؟
ލުއްބު ހޮރަކީ ގިނަ އަދަދަކަށް ނިގުލަންދާށި ދިރިއުޅޭ ތަނެކެވެ. ނަމަވެސް މި މިސާލު އެގޮތަށް ރަސޫލް (ﷺ) ދައްކަވާފައި އެވަނީ މުސްލިމުން ކާފަރުން އުޅޭ ގޮތް ކޮޕީ ކުރާނެ މިންވަރު ބަޔާންކޮށް ދެއްވެވުމަށެވެ. އެކަމުގައި ވަރަށް ގިނަ މާނަތަކެއް ވެއެވެ.
ޔަހޫދީއަކު ލުއްބު ހޮރަކަށް އަތް ނުކޮށްޕައިފާނެއެވެ. އެއީ ނިގުލަންދާށިތައް ކަށި ޖަހައިފާނެ ކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް މިކަމުގެ މާނަ ތަންކޮޅެއް ދުރުން ވިސްނާށެވެ! މިސާލަކަށް ޔަހޫދީން ނުވަތަ ކާފަރުން ވަންނާތީ ފަހަތުން އެބަ ނައިޓްކްލަބްތަކަށް ވަންނަމުއެވެ. ވަދެ އެތަނުގައި އެމީހުން ކުރާ ހުރިހާ ކަމެއް އެބަކުރަމުއެވެ. އެކަންކަން ކުރާއިރު ނަރަކައިގެ ބިރު ކޮބައިހެއްޔެވެ؟ ބޮޑެތި ބިޔަ ނިގުލަންދާށިތަކުން ފުރިގެންވާ ނަރަކައަށް އެއްލައިލެވުމުން އެތަކެތި އައިސް ކަށި ނުޖަހާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
ހަމަހިލާ ސަލާމަތެއް ނުވެވޭނެއެވެ! ނަރަކައިގެ ބިޔަ ނިގުލަންދާށްޓެއް ކަށިޖަހައިފިނަމަ ތަދު 40 އަހަރަށް ދެމިހުންނާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
Snakes and scorpions of Hell
Abdullah Ibn Harith narrated that the Prophet :saw: said:
"Surely there are in Hell, snakes as large as camels. If one of these snakes bite once, the pain will be felt for forty years. Surely there are in Hell scorpions as big as saddled mules. If one of these scorpions stings, the pain will be felt for forty years." (Ahmad)
އެމީހުން ޖުވާ ކުޅޭތީ އެބަ ޖުވާކުޅެއެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެމީހުން ކުރާ ހުރިހާ ކަމެއް އެބަކުރެއެވެ. ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރުމުން ނަރަކައަށް ދާން ނުޖެހޭނެ ކަމަށް ޤަބޫލުކުރަނީ ހެއްޔެވެ؟ ނަރަކައިގައި ބިޔަކަމުން އެކަނިވެސް ބިރުން ހަލާކުވެގެންދާވަރުގެ ބިޔަ ނިގުލަންދާށިތައް ތިބާއަށް ހަމަލާދޭން ޖެހޭނެކަން ނޭނގެނީ ހެއްޔެވެ؟
ހިތަށް އެރިހައި ގޮތަކަށް އުޅުމުންވެސް ސުވަރުގެ ލިބޭނެ ކަމަށް ޔަޤީން ކުރަނީ ކާކު އެކަން ޔަޤީންކޮށްދީގެން ހެއްޔެވެ؟ ކާފަރުންނާއި އެއްގޮތްވެ އެމީހުން ފަދައިން ނަރަކައަށް ވަންނަން ޖެހޭނެ ގޮތްގޮތަށް އަމަލުތައް ކުރުމަކީ ބޮޑެތި ބިޔަ ނިގުލަންދާށިތައް ތިމާގެ އަމިއްލަ ގައަށް ކަށިޖެހުމަށް އަމިއްލައަށް ދެވޭ ދައުވަތަކަށް ނުވަނީ ހެއްޔެވެ؟
ވީމާ ވިސްނައިލާށެވެ! ރަސޫލް (ﷺ)ގެ މިފަދަ ހަދީޘްފުޅުތަކަށް އިތުރަށް ވިސްނައި ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ! ކާފިރަކު ކުރިނަމަވެސް ކާފިރުންގެ ޖަމާޢަތަކުން ކުރިނަމަވެސް އިސްލާމް ދީނުގައި ކުރުން ހުއްދަނޫން އެއްވެސް ކަމެއް ކުރަން މުސްލިމުންނަށް ހުއްދައެއް ނޫނެވެ. މުސްލިމުންނަށް ކުރުން ހުއްދަވެގެންވަނީ އިސްލާމް ދީނުގައި ކުރުން ހުއްދަ ކަންކަމެވެ. އެހެންކަމާއިއެކުގައިވެސް ކާފިރުން ކުރާ ކަންކަން ކުރަން މުސްލިމުން ޝައުޤުވެރިވާނެއެވެ. ޒަމާންތައް ފަސްވަމުން އައިވަރަކަށް އެކަންދާނީ އިތުރުވަމުންނެވެ. އަދި އެއީ ފަހުޒަމާނުގެ ޢަލާމާތެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން