ޢިބްރަތްތެރި ވާހަކަ: ސިޙުރުހަދައިގެން ކައިވެނި ރޫޅައިލީމާ މާރަނގަޅު ފިރިއެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ޢިބްރަތްތެރި ވާހަކަ: ސިޙުރުހަދައިގެން ކައިވެނި ރޫޅައިލީމާ މާރަނގަޅު ފިރިއެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް މިއީ 3 ވަނަ އަހަރެވެ. ދެމީހުން ދުރުކުރުވަން ފިރިމީހާގެ ލޯބިވެރިޔާ ސިޙުރުހަދާކަން ވަނީ ފަޅާއަރައިފައެވެ. އަޅުގަނޑު ކަންބޮޑެއް ނުވަމެވެ. އެކަމަކު ބައެއް ފަހަރު ވިސްނެއެވެ. މީޙާލަތުގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ރައްކައުތެރިވުމަށް ކުރަންޖެހޭ ކަންކަންކުރަމުން ގެންދާށެވެ. ޛިކުރުތައް ކިޔާށެވެ. ބަޤަރާސޫރަތް ކިޔަވާށެވެ. ދެން އިތުރަށް ޔަޤިންކުރަން އޮތް ކަމެއްވެސް ބުނެލާނަމެވެ. ތިއަބާވަތުގެ ކަމަކުން ކައިވެނި ރޫޅުނަސް މާރަނގަޅު ބައިވެރިއަކު ދެއްވަވާނެއެވެ. އިން ޝާ ﷲ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ހިތްވަރު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ބައެއް ބާވަތުގެ ސިޙުރު ހެދިނަމަވެސް އަނެކާއަށް އެއްވެސް އަސަރެއް ނުކޮށްފާނެއެވެ. އަނެއްބާވަތެއްގައި އެތައް ޒަމާނެއްފަހުންވެސް އަސަރުކޮށްފާނެއެވެ. އަދި ވަޤުތުންވެސް އަސަރުކޮށްފާނެއެވެ. މިހުންނަނީ ސިޙުރުހަދާ މީހުންނަށްވެސް އެނގޭނެ ކަންކަމެއް ނޫނެވެ.  

ސިޙުރުހައްދުވާ މީހުންނަށް އެއްކަމެއްގައި އެތައް ފަހަރަކު ހައްދުވައިގެންވެސް ކާމިޔާބުނުވެގެން އުޅެނީ އެހެންވެގެންނެވެ. ސިޙުރުިހަދާމީހުންގެ އަތުގައި އެކަންކަމުގެ ކޮންޓްރޯލް ނުއޮންނާތީއެވެ. ކިތަންމެ ވަރުގަދަ ސިޙުރުތަކެއް ހެއްދުވިނަމަވެސް ޖެހޭނީ އެކަން މިންވަރުކުރެއްވެވުމަށް ﷲ ތަޢާލާ އިރާދަކުރެއްވެވި ވަޤުތެއްގައެވެ. ހުރިހާ ކަހީނުންނާއި ހުރިހާ ޖިންނިން އެކުވެގެން މަސައްކަތްކުރިނަމަވެސް މިކަން އޮންނާނީ މިގޮތަށެވެ. ބަދަލެއް ނުކުރެވޭނެއެވެ.  

ތިރީގައި އެވަނީ ދަރިފުޅާއި ދަރިފުޅުގެ އަނބިމީހާ ދުރުކުރުވަން ދަރިފުޅުގެ މަންމަ ހެދި ސިޙުރެއް ވަޤުތުން އޭނާގެ ދަރިފުޅަށް ޖެހުނު ގޮތުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ކައިވެނި ރޫޅުމުން މާއުފާވެރި ޙަޔާތެއް ލިބުނު އަންހެނެއްގެ ވާހަކައެވެ.  

އަޅުގަނޑަކީ ދެކުނުގެ ރަށަކަށް ނިޞްވާ އަންހެނަކީމެވެ. މިކިޔައިދެނީ އަޅުގަނޑުގެ އަލަތު ކައިވެނީގައި ކަންކަން މެދުވެރިވި ގޮތެވެ.  

ދަރިއަކު ނުލިބިގެން ދަރިއަކު ހޯދަން މަސައްކަތްކުރަމުން ގޮސް އިންޑިއާއަށް ދެމަފިރިން ދިއައީ ވަރަށް އުންމީދާއިއެކުގައެވެ. ދިގު މުއްދަތަކަށް އިންޑިއާގައި ތިބެންޖެހޭނެތީ އާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާނެ ކަމަށް ބަލައި އެހީތެރިއެއްގެ ގޮތުން ފިރިމީހާގެ މަންމަވެސް އަޅުގަނޑުމެން ގެންދިއައިމެވެ.  

ތިބީ ގެއެއް ކުއްޔަށް ހިފައިގެންނެވެ. އެއ ދިއަތާ 4 ނުވަތަ 5 ވަނަ ދުވަހެވެ. އެދުވަހަކީ މައިދައިތަ ކާއެއްއެއްޗެއް ތައްޔާރުކޮށްދިން ފުރަތަމަ ދުވަހެވެ. އެދުވަހުގެ ހެނދުނުގެ ސައި ތައްޔާރުކޮށްދިނީ މައިދައިތައެވެ.  

މައިދައިތަ ތައްޔާރުކޮށްދިން ސައިތަށި މެދަށްވެސް ނުބޮވެނީސް ފިރިމީހާއަށް ކުއްލިއަކަށް ގޮތްތަކެއް ވާންފަށައިފިއެވެ. ފުންމައިގެން ތެދުވެ ބޭނުންވީ ހަމަ ވަގުތުން މާލެ ދިއުމަށެވެ. ޑޮކްޓަރަށް ދައްކައިލަންވެސް ބޭނުމެއް ނުވިއެވެ. ޓިކެޓް ކަންތައް ހަމަޖައްސައިގެން އެދުވަހުން ދުވަހަށް އައީ މާލެއެވެ.  

މާލެ އައުމާއިއެކު އަޅުގަނޑު ރޮއިރޮއި އިންދާ ވަރިކޮށްލިއެވެ. އެންމެ ކުޑަމިނުން ރަށަށް ފޮނުވައިދޭށޭ ކިޔައި ކުރި އާދޭސްވެސް އަޑެއް ނުއިވުނެވެ. ކޮންމެއަކަސް އެހިސާބުން އަޅުގަނޑުގެ އަލަތު ކައިވެނި ނިމިގެންދިއައީއެވެ.  

ރުޤްޔާ ކުރުމުން މައިދައިތަ ދިން ސައިތަށީގެ ހަޤީޤަތްވަނީ އެނގިފައެވެ. އެކަން ޤަބޫލުކުރެވޭވަރުގެ ހެކިތައްވެސް ވަނީ ފެނިފައެވެ. މައިދައިތަ އަޅުގަނޑަށް ނަފްރަތުކުރީ 2 ސަބަބަކަށެވެ. އެއީ ރަށުގައި ގޭތެރެއަށް ޒުވާން ފިރިހެންކުދިންނާއި އަންހެންކުދިން ޖަމާވެ ހިންގާ ކަންކަމުގައި އަޅުގަނޑު ބައިވެރިނުވާތީ އާއި އަޅުގަނޑުމެންގެ ފަރުވާއަށް ބޮޑުޚަރަދެއްކުރަން ފިރިމީހާއަށް ޖެހޭނެތީއެވެ. މައިދައިތައަށް މުހިންމު އޭނާއަށް މާމަދަރިއަކު ލިބުމަށްވުރެ ރަށުގެ ގޭތެރޭގައި ހިންގާ ކުޅިގަނޑަށް ފިރިމީހާ ލައްވައިވެސް ޚަރަދުކުރުވުމެވެ.  

ކޮންމެއަކަސް ވަރީގެ ޢިއްދަހަމަވިތަނާހެން މީހަކު އަޅުގަނޑު ބަލައިގަނެ ކައިވެނިކޮށްފިއެވެ. އަޅުގަނޑު މިހާރު ދިރިއުޅެމުން މިދަނީ ދެވަނަ ކައިވެނީގައެވެ. ހިތްހަމަ ޖެހިގެން އުފަލުގައެވެ.  ދަރިން ވެސް ދެއްވަވައިފިއެވެ. ފިރިމީހާގެ ލޯތްބާއި އަޅައިލުންވެސް މާބޮޑަށް ލިބެއެވެ. އަދި އޭނާގެ މައިންބަފައިންނަކީވެސް ވަރަށް ހެޔޮލަފާ ބައެކެވެ.

އަޅުގަނޑުގެ އަލަތު ފިރިމީހާ އަޅުގަނޑު ދޫކޮށްލުމުން އެދުވަހު ހިތާމަކުރީމެވެ. ނަމަވެސް މިއަދު އުފާކުރަމެވެ. އުފާކުރަންޖެހެނީ އޭނާގެ ޢާއިލާގެ ޙަޤީޤަތް މިއަދު ރަށުގެ ރައްޔިތުންނަށް ރަނގަޅަށް އެނގޭތީއެވެ. ރަށުގެ ރައްޔިތުން އެޢާއިލާ ލޭބަލްކޮށްފައިވަނީ ފާހިޝް އަމަލުތަކުން ފުރިގެންވާ ޢާއިލާއެއްގެ ގޮތުގައެވެ. ރަށެއްގެ ރައްޔިތުން ޢާއިލާއެއް އެގޮތަށް ލޭބަލްކުރާނީ ސަބަބުތަކެއް ހުރުމުންކަން ޤަބޫލުކުރަންޖެހެއެވެ.

މިއަދު އަޅުގަނޑު އުފާކުރަންޖެހެނީ އެފަދަ ދަށުދަރަޖައިގެ ޢާއިލާއެއްގެ ކިބައިން ސަލާމަތްކުރައްވަވައި ދެއްވެވީތީއެވެ.  

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުން ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ބައެއް މައިދައިތައިން މަންމަގެ މަޤާމުގައި ތިބެގެންވެސް ދަރިންނަށް ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެ ކަމެވެ. ސިހުރު ފަންޑިތަވެސް ހަދައިފާނެ ކަމެވެ. އަޅުގަނޑަށް މިދިމާވި ފަދަ ކަންކަން އެކިސިފައިގައި އެތައް ބައިވަރު އަންހެނުންނަށް މެދުވެރިވެފައިވާކަމާއި މެދުވެރިވަމުންދާކަން އެއީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ. އަދި މިއީ ހުރިހާ މައިދައިތައިން ގޯސްކުރުމެއްވެސް ނޫނެވެ. މައިމީހާ ފަދަ މައިދައިތައިންވެސް އެބަތިއްބެވެ. 

އަދި ކިތަންމެ މަދުން ނަމަވެސް އަމިއްލަ މައިމީހާއަށްވުރެވެސް ބޮޑަށް އަޅައިލާ މައިދައިތައިންވެސް އެބަތިބިކަންވެސް ފާހަގަކުރަމެވެ. މިކަންކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ.  

ދެވަނަ ކަމަކީ އަހަރެމެން ތެދުވެރިނަމަ އަހަރެމެންނަށް ރަނގަޅުގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ފަފަވެރިވުމަށް ހުޅުވޭ ދޮރުތައް ބަންދުކުރައްވަވައި ދެއްވަވާނެ ކަމެވެ.  

ތިންވަނަ ކަމަކީ އަހަރެމެންގެ ކުށަކާއި ނުލައި އަހަރެމެން ވަރިކުރުމުން ހިތާމަކުރުމެއް ނެތްކަމެވެ. ގެއްލުނު ފިރި މީހާއަށްވުރެ ރަނގަޅު ފިރިއަކު ދެއްވަވާނެކަން ޔަޤީންކުރަންޖެހޭނެ ކަމެވެ. ހަމަޔަޤީނުންވެސް މިކަންކަން މިވަނީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފައެވެ.  

- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން