ދިވެހިރާއްޖެއާއި އެކި ގައުމުތަކާއެކު އޮތް ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއާއި އިންޑިއާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނީ، ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ޓާމްސް އޮފް ރިފަރެންސް ތައްޔާރުކޮށް، އެ ޝަރުތުތަކަށް ދެ ގައުމުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. ޓީއޯއާރް އަކީ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން އެ އެއްބަސްވުމެއްގެ މައިގަނޑު ޝަރުތުތަކާއި އަސާސީ ސިފަތައް ހިމެނޭ ގޮތަށް އެކުލަވައިލެވޭ އޮނިގަނޑެވެ. ކުރިއަށް އޮތް ތަނުގައި އެކުލަވައިލެވޭ ތަފުސީލީ އެއްބަސްވުން ބިނާވާނީ މި އޮނިގަނޑުގެ މައްޗަށެވެ.
ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވަނީ، 2025 ވަނަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް، ބޭރުގެ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުންތައް އާ އުސްމިންތަކަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިތުރުން ފިލިޕީންސްއާއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ޓީއޯއާރްގައި ވަނީ ސޮއިކޮށްފައެވެ.
ޓީއޯއާރްގައި ސޮއިކުރުމާއެކު، ދެން އެންމެ އަވަހަށް ކުރިއަށްދާނީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ފުރިހަމަ އެއްބަސްވުން އެކުލަވައިލުމުގެ ރަސްމީ މަސައްކަތްތަކެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބި، ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.