މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބަހަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެ ސަރަހައްދުން ގޮވާމުގެ ގޮތުގައި ބަލައިގަނެފައިވާ ޒަކާތުގެ ތަކެތި ބަހަމުންދާނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. މި ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދަނީ މާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައެވެ.
ޒަކާތުގެ ގޮވާން ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށެވެ. މި ތަކެތި ދޫކުރާނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށެވެ.
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ހަ ބާވަތެއް ބަލައިގަނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އާދައިގެ ހަނޑޫ - ތައިލެންޑް ހަނޑޫ - ބާސްމަތީ ހަނޑޫ - ރަތް ހަނޑޫ - ގޮދަން ފުށް - އާޓާ ފުށް
ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމަކުވެސް ރަމަޟާން މަހުގެ ރޯދައަށްފަހު، އެ މީހަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ނެރުން ވާޖިބުވާ އަޅުކަމެކެވެ. މިއަހަރު ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.
ޒަކާތު ހައުސްއިން ވަނީ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ޒަކާތުގެ ގޮވާން ބަލައި ދިއުމަށް އިލްތިމާސްކޮށްފައެވެ.