ރ. މީދޫގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
މީދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި، މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމާއި، ރ. މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ޒާހިރު ބައިވެވަޑައިގަތެވެ.
މީދޫގައި މިހާރު ހިދުމަތް ދެމުންދަނީ ހެލްތު ސެންޓަރަކުން ކަމަށްވާއިރު، އެ ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ މުހިއްމު ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓާ އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 30 އެނދުގެ މި ހޮސްޕިޓަލަކީ އެ ފަންތީގެ ހޮސްޕިޓަލަކުން ލިބެންޖެހޭ އެންމެހައި ހިދުމަތްތަކެއް އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭނެ ތަނެކެވެ. އެގޮތުން ބަލިމީހުން ބަލާ ކޮޓަރިތަކާއި، ޒަމާނީ އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރީގެ އިތުރުން ޑައިގްނޯސްޓިކް ހިދުމަތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި ހޮސްޕިޓަލުގައި ގާއިމުކުރެވޭނެއެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން، މީދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.