މ. ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށުގައި ތަރައްގީކުރުމަށް ނިންމާފައިވާ 75 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމުގެ މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއަކީ ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ދިއްގަރުގައި 75 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގެ ބޮޑުމިނަކީ 1,000 އަކަފޫޓެވެ.
މި ހައުސިންގ ޔުނިޓުތަކުގެ ފަރުމާގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ބޯހިޔާވަހިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިއްގަރުގައި ފެށުނު މި މަޝްރޫއަކީ އެ ރަށުގެ އާބާދީއަށް އަންނަ ކުރިއެރުމާ އެއްވަރަށް ދިރިއުޅޭނެ ޖާގަ ތަނަވަސްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަސައްކަތް ނިންމައި، ރައްޔިތުންނަށް މި ޔުނިޓުތައް ހަވާލުކުރުމަށެވެ.