ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށްފިއެވެ. މި ދެ އިދާރާގެ މުސާރަ އެއްހަމަކޮށްފައިވަނީ އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައިގެންނެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ކަސްޓަމްސް އަދި ކަރެކްޝަނަލް ސާވިސްގެ މުސާރައަށް ގެނައި ބަދަލުތައް މާރިޗު 1 އިން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ. މި ބަދަލާއެކު އެ ދެ އިދާރާގެ މުވައްޒަފުންނަށް މިހާރު މުސާރަ ދެމުންދާ އޮނިގަނޑު ބަދަލުވެ، މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
ދައުލަތުގެ އިދާރާތަކުގެ މުސާރަ އެއްހަމަކުރުން ނުވަތަ ޕޭ-ހާމަނައިޒޭޝަންގެ މަސައްކަތް ކުރިއަށްދަނީ އެކި ދާއިރާތަކަށް ބަހާލައިގެންނެވެ. މިގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސިވިލް ސާވިސް އަދި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރައަށް ވަނީ މި ސިޔާސަތުގެ ދަށުން ކުރިއެރުން ދީފައެވެ. ސަރުކާރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ފަދައިން، މިހާތަނަށް މުސާރައިގެ ކުރިއެރުން ލިބިފައި ނުވާ އިދާރާތަކުގެ މުވައްޒަފުންނަށް މިއަހަރުގެ ތެރޭގައި މުސާރަ އެއްހަމަވެގެންދާނެ ކަމަށެވެ.
މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ، ކުރިން އޮތް ގިނަ ވަގުތު އިތުރުގަޑީގައި މަސައްކަތްކޮށްގެން އުޖޫރަ އިތުރުކުރާ ނިޒާމު ބަދަލުކުރުމެވެ. އޭގެ ބަދަލުގައި ރަސްމީ މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ ސަޤާފަތެއް އާލާކުރުމަށް ސަރުކާރުން ވަނީ އިސްކަންދީފައެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބި، "ވަރކް-ލައިފް ބެލެންސް" އެއް ޤާއިމުވެގެންދާނެއެވެ. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.