ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށްދަނީ ރިފަރެންޑަމް ގާނޫނާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތްތަކާ އެއްގޮތަށްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ އިންތިހާބާއި އެކު ބޭއްވުމަށް ނިންމާފައިވާ މި ވޯޓަކީ، ފެބުރުވަރީ 10 ގައި މަޖިލީހުން ފާސްކޮށްފައިވާ ”ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓެކެވެ. ގާނޫނުއަސާސީ ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަދަލު ކުރާ އިސްލާހެއް ތަސްދީގު ކުރެވޭނީ ރިފެރެންޑަމް ވޯޓެއް ނަގައި އެކަމަށް ރައްޔިތުންގެ އަޢުލަބިއްޔަތު ލިބުމުންނެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، ރައީސްގެ ގަރާރުގައިވާ ސުވާލުން ދެ ކަމެއް ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެއީ ދެ އިންތިޚާބު އެކުގަ ބޭއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނަމުންދާ އުސޫލު ބަދަލުކުރުމެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އަސާސީ ހައްގުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރިޔާސީ ދައުރާ ގުޅޭ ކަންކަމަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެއެވެ.
އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުން ބަދަލުކުރަނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އެވެ. އެ މާއްދާއަށް އެއްވެސް ބަދަލެއް ގެންނަނަމަ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން އެ ބިލެއް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް އަހަންޖެހޭނެއެވެ. މަޖިލީހުގެ އުމުރު ގުނަން ފަށާ ތާރީހަކީ 1 ޑިސެމްބަރު ކަމަށް ބަދަލުކުރުމަށް ހުށަހަޅާފައިވާތީ، ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް މިހާރު ފުރިހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވޯޓު ނެގުމަށް ރައީސް މުއިއްޒު ގަރާރު ނެރުއްވާފައި ވަނީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށް ފަހު، ރިފަރެންޑަމް ގާނޫނުގައިވާ ގޮތުގެ މަތިންކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. "ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާކަމަށާއި، ސުވާލު އެކުލަވާލާފައިވަނީ ވެސް ގާނޫނާ އެއްގޮތަށްކަމަށް ގަބޫލުކުރައްވާ" ކަމަށް އުޝާމް ވިދާޅުވިއެވެ.
މި ވޯޓާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަތަކެއް ހުށަހަޅާފައިވީ ނަމަވެސް، އުޝާމް ވިދާޅުވީ ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހަމަޖެހުން ހޯދައިދިނުމަށްޓަކައި ޤާނޫނުއަސާސީއަށް މިފަދަ މުހިންމު އިސްލާހުތައް ގެނައުން މުހިންމު ކަމަށެވެ. އޭޕްރިލް 4 ގައި މި ވޯޓު ނެގުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.