ޢިބްރަތްތެރި ވާހަކަ: ވަރިކޮށް ދަރިފުޅާއެކު ގެއިން ނެރެލުމުން ދާނެ ތަނެއް ނެތި މަގުމައްޗަށް ނުކުތުމުން އަތުގަ ވަޤުތުން ތަނަވަސް މީހަކު ހިފައި އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޢިބްރަތްތެރި ވާހަކަ: ވަރިކޮށް ދަރިފުޅާއެކު ގެއިން ނެރެލުމުން ދާނެ ތަނެއް ނެތި މަގުމައްޗަށް ނުކުތުމުން އަތުގަ ވަޤުތުން ތަނަވަސް މީހަކު ހިފައި އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އެއީ ކުޑައިރުންސުރެ ވަރަށް ގާތް ދެއެކުވެރިންނެވެ.

އެކަކީ ތަނަވަސް މީހެކެވެ. އަނެކަކު މަސައްކަތްކުރަނީ އޭނާގެ އިސް މުވައްޒިފެއްގެ ގޮތުގައެވެ. ދުވަސްތަކެއްފަހުން ތަނަވަސްމީހާއަށް އެނގުނީ އެކުވެރިޔާއާއި އޭނާގެ އަނބިމީހާ އާއި ދެމެދުގައި ނުރަނގަޅު ގުޅުމެއް އޮންނަ ކަމެވެ.  

ފުދޭވަރަކަށް ހެކިލިބުމުން ފުރަތަމަ ދިއައީ އެކުވެރިޔާއާއި މަޝްވަރާކޮށްލުމަށެވެ. އެވަރުގެ ނުބައި ކަމެއް ކުރަނީ ކޮންކަމެއް ކޮށްނުދޭތީތޯ ސުވާލުކޮށްލުމުގެ ބޭނުމުގައެވެ. އޭނާގެ ގެއަށްގޮސް ދޮރުގެ ބެލް ޖަހަން އުޅުނުވަޤުތު އެތެރެއިން ބާރަށް ވާހަކަދައްކާތީ އަޑުއަހަން މަޑުކޮށްލިއެވެ. "މިބުނަނީ ދަރިފުޅު ގޮވައިގެން ހަމަމިހާރު މިގެއިން ނުކުންނާށޭ!"  

އިރުކޮޅަކުން އަނބިމީހާ ފޮށްޓެއް ހިފައިގެން ދަރިފުޅުވެސް ގޮވައިގެން ރޮމުން ގެއިން ނުކުތުމުން ތަނަވަސްމީހާ ސުވާލުކުރީ ދާން ބޭނުންވަނީ ކޮން ތަނަކަށްތޯއެވެ؟ ޖަވާބުގައި ދާނެ ވަކިތަނެއް ނެތްކަމަށް ބުނުމުން ފޮށި އަތުލާފައި ބުނީ އޭނާއާއިއެކު އައުމަށެވެ.  

ގޮވައިގެން ދިއައީ އޭނާ ދިރިއުޅޭ ގެއަށެވެ. ގޮސް އަނބިމީހާއަށް ބުންޏެވެ. "ތިބާ ދިރިއުޅޭގެ ބަދަލުކުރުމުގެ ވަޤުތު ޖެހުނީއެވެ. ދެދަރިން ބައިތިއްބާފައި ގެއިން ނުކުންނާށެވެ. ފަސީޙް މިހާރު ހުރީ ތިބާގެ އިންތިޒާރުގައެވެ. ކުޅިގަނޑުކުޅެން ގެހުސްކުރަން އަނބިމީހާއާއި ދަރިފުޅު ގެއިން ނެރެލީމާ މިއައީ ގޮވައިގެންނެވެ. ގެ އެހުރީ ހުހަށެވެ. އެގެއަށް ގޮސްނ ކުޅިގަނޑު ބާރަށް ކުރިއަށް ގެންދާށެވެ!"

އަނބިމީހާއަށް ލިބުނީ ވަރަށްބޮޑު ސިހުމެކެވެ. އެއީ ކުޅެމުން އައި ކުޅިގަނޑު ފިރިމިހާއަށް އެނގުނުކަން ކުރިން ނުއެނގި އޮތުމުންނެވެ. އެފަދަ ޝައްކެއްވެސް ނުކުރެވޭތީއެވެ.  

ފިރިމީހާ ބުންޏެވެ. "މިގޭގައި ދެން އުޅޭނީ ބޮޑު ޢާއިލާއެކެވެ. މިގެއަށް މިގެނައި ފަސީޙްގެ އަންހެނުންގެ މައިންބަފައިންވެސް ގެންނާނަމެވެ. ތިބާއާއި ހުރެ މިގެއަށް ނުވެއްދިފައި ތިބި އަހުރެންގެ މައިންބަފައިންވެސް ގެންނާނަމެވެ. ތިބާ ބުނިހައި ގޮތަކަށް ކަންކަން ކުރަންވެގެން އަމިއްލަ މައިންބަފައިންނާއި ދުރުގައި ހުރިކަމުގެ އިނާމު ތިބާ ދިން ގޮތަށް ވަރަށް ރަނގަޅަށް ލިބިގެންފީމެވެ. އަހުރެންނަށް ވަގަށް އެގެއަކަށް ވަންނަން މަގުފަހިކުރުވި ގެއަށް ދެން އަވަހަށްދާށެވެ! ކޮންމެ މީހަކަށްވެސް ހިތްހަމަޖެހިގެން އުޅެވޭނީ އެމީހަކު ލޯބިވާ މީހަކާއިއެކުގައެވެ. އެމީހަކު އުޅޭހިތްވާ ގޮތަކަށް އުޅެވޭނީ އެއިރުންނެވެ."  

މާފަށް އެދި އަނބިމީހާ ދެއްކި އެއްވެސް ވާހަކައެއް އަޑުއަހަންވެސް ފިރިމީހާ ބޭނުން ނުވުމުން ޖެހުނީ ރޮމުން ގެއިން ނުކުންނާށެވެ. ނުކުމެގެން ލޯބިވެރިޔާގެ ގެއަށް ދިއުމުން ކުށްވެރިކުރީ އޭނާއެވެ. ބުނީ މުޅިގަނޑު ކުޅެން ފެށިއިރުވެސް މިއީ އަތުވެދާނެ ދުވަހެއްކަން ވިސްނައިދިނިން ކަމަށެވެ. މިފެނުނީ އެކަމުގެ ނަތީޖާކަމަށާއި އެގޭގައި ނުއިނދެވޭނެ ކަމަށެވެ. ވަޒީފާވެސް ގެއްލުނީކަމަށާއި ހުރިހާ ކަމެއްގައި އެހީތެރިވަމުން އައި އެކުވެރިޔާވެސް ގެއްލުނީ ކަމަށެވެ.  

އެހިސާބުން ޖެހުނީ ރޮމުން އަމިއްލަ މައިންބަފައިންގެ ގާތަށްދާށެވެ. އެގެއިންވެސް ދިނީ ހަމައެފަދަ ޖަވާބެކެވެ. ގޭގައި އިނދެވޭނެ ކަމަށާއި ނަމަވެސް އުޅެންޖެހޭނީ އަމިއްލައަށް ކަމަށެވެ. އެމީހަކު އަމިއްލައަށް ލިބިގަތް ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށް ކަމަށެވެ.  

ޢިއްދަ ހަމަވުމުން އެދެމީހުން ކައިވެނިކުރީއެވެ. ލޯބީގެ އެއްވެސް ކުޅިގަނޑެއް ނުކުޅެ ތިބެއެވެ. އުފާވެރި ދިރިއުޅުމަކަށް އެދިގެން ކުރި ކައިވެންޏަށް މިހާރު 20 އަހަރުވީއެވެ. އުޅެމުން އެއަންނަނީ ހަަމ ވަރަށް އުފަލުގައެވެ.  

މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން ކުރިމަތިވި ގޮތުގެ ވާހަކައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ޙާދިސާއަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. އުފާވެރި ދިރިއުޅުމެއް ލިބުމުން ކުޅިގަނޑުކުޅޭ ކޮންމެ މީހަކަށްވެސް އަގުހުރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ކަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން