ދެމީހުން ކައިވެނިކުރީ ފަޤީރުންގެ ގޮތުގައި ތިބެއެވެ. ލިބުނު ތަނަވަސްކަމެއް ލިބުނީ ދެމީހުންގެ މަސައްކަތުންނެވެ. ކައިވެންޏަށް ދަރިން ލިބި މާމަދަރިން ލިބޭފަހުން ބާކިކުރާނަމަ ޙައްޤުމިންވަރު ހޯދުމަކީ ކުށަކަށްވާބެތޯ؟
ތިއަފަދަ ސުވާލުތަކަށް އެންމެ ރަނގަޅު ޖަވާބެއް ދޭންއެނގޭނީ އިތުރަށް ތަފްޞީލްލިބިގެންނެވެ. އެއީ ތިއަބާވަތުގެ ކަންކަން ކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށްވާތީއެވެ. އެހެންކަމާއިއެކުވެސް އެދެނީ ތިރީގައިވާ ހާދިސާ ވިދާޅުވެލެއްވުމެވެ.
އާދައިގެ ގޮތަކަށް ޒަވާޖީ ޙަޔާތް ފަށައި ތަނަވަސްކަން ލިބުމުން އަތްއަތަށް އެނބުރެން ބޭނުންވާ ފިރިންނަކީ ހުރިހާ ޒަމާނެއްގައިވެސް އުޅޭ ބައެކެވެ. ހަމައެފަދައިން ވިސްނުން ތޫނު، އެދޭ ގޮތަށް ކަންކަން ކާމިޔާބުކުރުމުގެ ވިސްނުން ހުންނަ އަންހެނުންވެސް ތިބެއެވެ.
އެމީހުންގެ ހުޝިޔާރުކަމުން ފިރިމީހާއަށް ޢިބްރަތްތެރި ފިވާޅުދީގެން ފިރިން ހަމަމަގަށް އަޅުވާ އަންހެނުންވެސް ތިބެއެވެ. ތިރީގައި އެވަނީ އެފަދަ އަންހެނެއްގެ ވާހަކައެވެ. އޭނާ ކުރިކަންތައް އެގޮތަށް ނުކުރެވުނަސް ކޮންމެ އަންހެނަކަށްވެސް ވިސްނުމުގެ ބޭނުންކޮށްފިނަމަ ނުބައި ފިރިންގެ ލިބޭ ގެއްލުންތައް ކުޑަކުރެވިދާނެއެވެ.
ތިރީގައިވާ ވާހަކައަކީ ވިސްނުން ތޫނު، ހުޝިޔާރު އަންތބަކު ޢަމަލުކުރި ގޮތުގެ ވާހަކައެވެ.
އަހަރެންގެ ފުރަތަމަ ފިރިމީހާއަކީ ކައިވެނިކުރިއިރު އާދައިގެ ވަޒީފާއެއްގައި ހުރި މީހެކެވެ. ނަމަވެސް މިހާރު މިލިއަނަރެކެވެ. ގެދޮރު އެޅުނު ގޮތާއި އަދި މިލިއަނަރަކަށް ވެވުނު ގޮތް ހަނދާން ނެތުނެވެ. އެކަންކަމަށް އަހުރެން ކުރި މަސައްކަތާއި އަހުރެންލީ ޙިއްޞާގެ މަތިންވެސް ހަނދާން ނައްތައިލީމެވެ.
މަދު ދުވަސްކޮޅެއް ނޫނެވެ. ކައިވެންޏަށް 30 އަހަރު ފުރުނުތަނާ އެނާގެ ސެކެޓްރީ ދެކެ ލޯބިވެ އަހަރެން ވަރިކުރަން ބޭނުންވެއްޖެއެވެ. އަދި ލޯބިވެރިޔާ ބޭނުންވަނީ އަހަރެން ދިރިއުޅޭ ގޭގައި އުޅެންކަމަށްވުމުން 3 ދުވަސްތެރޭގައި ގެއިން ނުކުންނަން އަހަރެންނަށް އެންގިއެވެ.
އެންގި ގޮތަށް އަހަރެން ކަންތައް ކުރީމެވެ. ގެއިން ނުކުތީމެވެ. ނަމަވެސް ނުކުތުމުގެ ކުރިން ކަމެއް ކޮށްލީމެވެ. އެއީ އެރޭ ކެއްކި ޑިނގާތަކުގެ ބޭރު ތޮށި ފަސޭހައިން ނުފެންނާނެ ގޮތަށް ކޮޓަރިތަކުގެ ދޮރުފޮތި ދަމާ ރޭލުގެތެރެއަށް އެޅުމެވެ.
ނަތީޖާއަކަށްވީ ގެއިން ކުނިވަސްދުވަސްފެށުމެވެ. ވަސްފިލުވަން އެމީހުން ނުކުރާ ކަމެއް ނެތެވެ. ގޭގެ ކާޕެޓްތައްވެސް ބަދަލުކުރިއެވެ. ވަސްމީރުތަކުން ގެ ފުރައިލިއެވެ. ނަމަވެސް ހަމަ އެއްވެސް ބަދަލެއް ނައެވެ. އެމީހުންނަށް ޖެހުނީ ގެއިން ނުކުންނާށެވެ. ގެއިން ނުކުމެފައި ގޭގެ އަގުގެ ދެބައިކުޅަ އެއްބައި ކުޑައަގަކަށް ވިއްކާލަން އުޅެގެންވެސް ނުވިކުނެވެ.
އެދުވަސްވަރު އަހަރެން ގުޅީމެވެ. އަހަރެން ބުނީމެވެ. ގެ ގަންނަން އަހަރެން ބޭނުމެވެ. އެކަމަށް އެއްބަސްވެ ވަރަށް ކުޑަ އަގަކަށް ގެ އަހަރެންނަށް ވިއްކިއެވެ. ގެ އަހަރެންގެ ނަމަށް ބަދަލުކުރެވުމުން ރޭލުތައް ބަދަލުކޮށް ގެއިން ކުނިވަސް ފިލުވައިލީމެވެ.
ފިރިމީހާ އެއްދުވަހު ގުޅާފައި ކަމަކާ މަޝްވަރާކުރަން ބޭނުންކަމަށް ބުނުމުން އަހަރެން އެދުނީ ގެއަށް ދެމީހުން އައުމަށެވެ. ދެމީހުން ގެއަށް އައިސް ސިޓިންރޫމްގައި އިށީނުމުން އެނގުނީ ގެއިން އެއްވެސް ވަހެއް ނުދުވާކަމެވެ. ވަރަށް ބޮޑަށް ހައިރާންވެ ވަސްކެނޑުވި ގޮތަކާއިބެހޭގޮތުން ސުވާލުކުރީމާ ބުނީމެވެ.
"އެވަހަކީ ކަލެއަށް ތަނަވަސްކަން ހޯދައިދޭން މަސައްކަތްކުރި އަނބިމިހާ ބޭރުކޮށްލުމަށްފަހު ކުނި އަންހެނަކު ގެނެސް ގެއަށް ވެއްދުމުން އެކަމާއި ރުޅި އައިސްގެން ގެ ކުރިކަމެކެވެ. އަހަރެން ދިރިއުޅެން ފެށުމުން ވަސްފިލީއެވެ."
ބުނުމާއިއެކު އަންހެން މީހާ ތެދުވެގެން ހިނގައްޖެއެވެ. އަހަރެން ދިން މެސެޖު އެނގުމުން ނަމަވެސް ނުވަތަ އެހައިތަނަށް ލިބުނު ތަޖުރިބާގެ ހިތިކަމުން ނަމަވެސް ނުވަތަ ކުށެއްކުރެވުނަސް އަހަރެން ދެކެ ލޯބިވާތީ ނަމަވެސް ފިރިމީހާ ގެއިން ދާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ އަހަރެންނާއިއެކު ދިރިއުޅޭށެވެ. ވަރިކުރުމުގެ މައްސަލަވެސް އެހިސާބުން ހުއްޓުނީއެވެ. ސެކެޓްރީ އާއިއެކު އޮތް ލޯބީގެ ކުޅިގަނޑުވެސް ނިމުނީއެވެ.
އެކުވެރި އުޚުތުންނޭވެ! ބުއްދީގެ ބޭނުންކުރާށެވެ! ރަނގަޅު ގޮތުގައި ބޭނުންކުރެވިއްޖެނަމަ އަހަރެމެން އަންހެނުންގެ ބުއްދި މާމޮޅުވާނެއެވެ.
- ޖެނިފާ
- ޢިބްރަތްތެރި ވާހަކަ