މިއަދުނޫހުގެ ކިޔުންތެރިއަކަށް ކުރިމަތިވެފައިވާ ސިޙުރުގެ މައްސަލައަކާއި ގުޅިގެން ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. ތިއަ ސިޙުރުހެދިމީހާގެ ކަންކަން ﷲ އަށް ވަކީލްކޮށްލާށެވެ. ތިރީގައިވާ ޙާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ!
ފުރަތަމަ މިކިޔައިދެނީ ހަމަ އެކަން ހިނގިކަން މިއަދުނޫހަށް ޔަޤީންކުރެވޭ ކަމެއްގެ ވާހަކައެވެ.
އެއީ ރަށެއްގައި އުޅުނު ރަށުގެ ފެންވަރުން ތަނަވަސް މީހެކެވެ. ކުއްލިއަކަށް ހުން އަންނަންފެށީއެވެ. ދޭނެ ފަރުވާއެއް ޑޮކްޓަރުންނަކަށް ނުއެނގުނެވެ. ގޮތް ހުސްވުމުން ޓެސްޓްތަކުން ނުފެނުނަސް މިނޫން ގޮތެއް ނެތްކަމަށް ނިންމައި ޓީބީއަށް ބޭސްކާންދިނެވެ.
އެޙާލުގައި ހޮސްޕިޓަލުގައި އޮއްވައި ހޮސްޕިޓަލުން ބައްދަލުވި މީހަކު އޭނާއަށް ހަމްދަރުދީވެ ފަންޑިތައެއް ހަދައިދިނެވެ. ނުރައްކާތެރި ސިޙުރަކުން ސަލާމަތްވުމަށެވެ. އޭނާ ދެއްކި ވާހަކަ ދިމާވިއެވެ. ބަލިވެސް ފަސޭހަވިއެވެ. އެކަން ކޮށްދިން މީހާއަކީ އެރަށު މީހެއްވެސް ނޫނެވެ. ކުރިން ދަންނަ މީހެއްވެސް ނޫނެވެ. އަލަށް ބައްދަލުވި މީހެކެވެ.
ގަދަވެ ހޮސްޕިޓަލުން ގެއަށް ދެވުމުންވެސް އެމީހާ ގެއަށްގޮސް އުޅުނެވެ. ދެމީހުންގެ މެދުގައި އުފެދުނު ރަޙްމަތްތެރިކަމުގެ ގުޅުމުގެ ތެރެއިންނެވެ. އެގޮތަށް އުޅުމުގެ ތެރޭގައި އޭނާއަށް ސިހުރު ހެދި މީހާއަކީ ކާކުކަން އެނގޭނެ މަގެއް އޮތްތޯ ސުވާލުކުރުމުން އޭނާ ބުންޏެވެ. "އެމީހާ ހޯދަން މަސައްކަތްކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. ހުއްދަވެސް ކަމެއް ނޫނެވެ. އެކަމަކު ބުނެފާނަމެވެ. ތިއަ ރަށުގައި އުޅޭ މިބާވަތުގެ ކަންކަން ކޮށްފާނެކަމަށް ބެލެވޭ މީހަކު ޢުމުރުން ދުވަސްވުމުން އެނެމެ ކުޑަކުއްޖެއްގެ ގޮތުގައި އުޅޭތަން ފެނިއްޖެނަމަ އެއީ އެމީހާކަމަށްވުން ގާތެވެ."
އެއިގެ އަހަރުތަކެއް ފަހެވެ. އެގޮތަށް ރަށުގައި އުޅުނު މީހަކު ފެނުނެވެ. އޭނާ ނިމިދިއައީ އޭނާގެ ބޮޑެތިވެ ދަރިން ލިބިފައި ތިބި އަންހެންދަރިންގެ ކުރިމަތީގައި މުންޑުބާލައި ބަރަހަނާވެގެން އުޅެމުންނެވެ. ޤަޟާޙާޖަތްކޮށް ތާހިރު ނުވެ ގައިގައި އަމިއްލައަށް އުނގުޅައިގެންވެސް އުޅެމުންނެވެ. އަދި އެމީހަކީ އެފަދަ ކަމެއް ކުރަން އެނގިދާނެ، ކޮށްފާނެ މީހަކު ކަމަށް ބެލެވޭ މީހެކެވެ.
ކަމުގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! މިއީ ބޭރުފުށުން ފެނުނު ކަންކަމެވެ.
ވިސްނާށެވެ! ހަތިޔާރު ހިފައިގެން ނުކުމެ މީހަކަށް ޙަމަލާދީފިނަމަ އޭނާއަށް އަނިޔާ ލިބުނު ސަބަބު އެއޮތީ ފެންނާށެވެ! ނަމަވެސް ސިޙުރު ހަދައިގެން މީހަކަށް ކިތަންމެ ބޮޑު ދެރައެއް ދިންނަމަވެސް އެދެރަ ލިބުނު ސަބަބު މިއެނގެނީ މަދުފަހަރަކުއެވެ. ބޮޑެތި ގެއްލުންތަކެއް ލިބޭފަހުންނެވެ.
ސިހުރު ހެދުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. ސަބަބަކީ ކުރިން މިބުނި ފަދައިން ސިހުރު ހެދުމުން އަނިޔާ ލިބޭ މީހާއަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވަނީ ސަބަބު ނުއެނގިހުރެއެވެ. ލެބޯޓްރީ ޓޭސްޓްތަކަކުން އަދި ކުރެވޭ އެހެން ތަޙްލީލްތަކަކުންވެސް އެއްވެސް ބައްޔެއް ނުފެނެއެވެ. މީހާ ދަނީ ހަލާކުވެގެންނެވެ.
ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހި ޢާއިލާތައް ރޫޅި ދަރިން ނިކަމެތިވަނީއެވެ. ދިރިއުޅެން ކުރާ މަސައްކަތްހުއްޓި މީހުން ބަނގުރޫޓުވަމުންދަނީ އެމަސައްކަތްކުރިއަރުވަން ކުރަންޖެހޭ މަސައްކަތްކުރަމުން ދަނިކޮށެވެ. ޖެހޭ ބަލިތަކަށް ދޭނެ ފަރުވާއެއް ޑޮކްޓަރުންނަކަށް ނުއެނގެއެވެ.
ސިހުރުވެރިޔާ މެރުން ވާޖިބުވާ ކަމަށް ސަލަފުން އެއްބަސްވެވަޑައިގަންނަވައެވެ.
ސިހުރުވެރިޔާއަކީ އިންސާނުންތެރޭގައި ޝައިޠާނެކެވެ.
ރާއްޖެއަކީވެސް ސިހުރު ހެދުން ގިނަ ޤައުމެކެވެ. ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކާއި ތަކެއްޗާއިއެކު ގިނަ ބައަކު ވަނީ ހައްޔަރުކުރެވިފައެވެ. ދޭތެރެދޭތެރެއިން މިފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.
ވިމާ ރާއްޖޭގައިވެސް ބޮޑެތި ސިޙުރުވެރިން އެބަތިބިކަން އެއީ ޘާބިތުކަމާއިއެކު ފެންނަން އޮތް ޙަޤީޤަތެކެވެ. މިއީ ކިތަންމެ ބޮޑު އަދަބެއް ދީގެންވެސް ހުއްޓުވަންޖެހިފައިވާ ކަމެކެވެ. އަދި އެއްވެސް ކަމެއްގައި ސިޙުރިވެރިންގެ ގާތަށް ނުދިއުމަށް ރައްޔިތުން ހޭލުންތެރިކުރުވަންވެސް އެބަޖެހެއެވެ!