އެއްވެސް ކަމަކަށް ބޭނުންވެގެން ސިޙުރު ނުހެދުމަށް ވަރަށް ގިނައިން އިލްތިމާސްކުރަމެވެ. އަދި އެސްފީނާއާއި ސިޙުރުން ރައްކައުތެރިކަމަށް އެދިގެން ކުރަންހުރި ކަންކަން ކުރަންވެސް މިގެންދަނީ އިލްތިމާސްކުރަމުންނެވެ. މިރޭވެސް ދޭން މިއުޅެނީ ހަމަ އެނަޞީޙަތެވެ. ފަށަމުން މިކިޔައިދެނީ ޢިބްރަތްތެރި ޙާދިސާއެކެވެ.
އެއީ އަވަށުގެ އެންމެ މަޝްހޫރު ސިޙުރުވެރިއެކެވެ. ތަނަވަސް މީހަކު ފައިސާ ދިނުމުން އަވަށުގެ އެންމެ ތަޤްވާވެރި އަންހެނާ ހޯދައިދިނުމުގެ ބޭނުމުގައި ދިއައީ ސިޙުރުހަދަމުންނެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން އެއްވެސް ނަތީޖާއެއް ނުނުކުމެއެވެ.
އެންމެ ފަހު އެތިފަހަރުކަމަށްބަލައި ވަރުގަދަ ސިޙުރެއް ހަދަންވެގެން ކުރި މަސައްކަތުގެ ތެރެއިން އެއަންހެން ކުއްޖާއާއި މަގުމަތިން ބައްދަލުކުރިއެވެ. ހުއްޓުވައި ވާހަކަދެއްކިއެވެ. އަންހެންކުއްޖާ މަޑުނުކޮށް ހިނގައިގަތުމުން އޭނާ ހުއްޓިހުރި ތަނުން ވެލިމުށެއް ނަގައިގެން ވަރަށް ބާރަށް ހިނގައިގަތެވެ.
އެކަންކުރިތަން އަންހެން ކުއްޖާއަށް ފެނުނެވެ. އޭނާ ދެއަތް ނަގައި ދުޢާކުރިއެވެ. "ޔާ ﷲ! މިނުބައި މީހާގެ ނުބައިކަމުން މިއަޅާއާއި އަވަށުގެ އެންމެން ސަލާމަތްކޮށްދެއްވަވާނދޭވެ!" އާމީން
ދެއަތް އުފުލައި މައްޗަށް ބަލަން ހުރެގެން ދުޢާކޮށްފައި ސިޙުރުވެރިޔާއަށް ބަލައިލި ވަޤުތަކީ ދުއްވާފައި އައި ކާރަކުން ޖެހި އޭނާ ވިއްސައިގެންދިއަ ވަޤުތެވެ.
އޭނާއަށްވުރެ ކުރިން މަންޒަރުބަލަން ތިބި މީހުން އުފާކޮށް އަޑުގަދަކުރަން ފެށިއެވެ. "މިނުލަފާ ސިޙުރުވެރިޔާ އެއޮތީ މަރުވެފައެވެ. އޭނާގެ ނުބައިކަމުން އަހުރެމެންނަށް ސަލާމަތްވެވުނީއެވެ."
މިޙާދިސާގެ ވާހަކަ އެކި ގޮތްގޮތަށް ކުޅެ ސޯޝަލްމީޑިއާގައި ފަތުރަމުން އެބަގެންދެއެވެ. މިތަނުގައި މިތިބަ ބައެއް މީހުންނަށް އެވީޑިއޯތައް ފެނިފައިވުމަކީވެސް ގާތް ކަމެކެވެ. ކޮންމެއަކަސް އަހުރެންނަށް އެނގުނު ގޮތުގައި އެއަންހެން ކުއްޖާއަކީ ވަރަށް ތަޤްވާވެރި ކުއްޖެކެވެ. ޛިކުރުތައް ކިޔައި ބަޤަރާސޫރަތް ކިޔަވާ ކުއްޖެކެވެ.
ސިޙުރުހަދާ ބައަކު އަބަދުވެސް އުޅޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން