ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް: ބަންޑާރަ ނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް: ބަންޑާރަ ނައިބު

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިހެން ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް، އަވަސްއަރުވާލައިގެން ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވަމުންނެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މި ބަދަލަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މަންދޫބުންގެ މެދުގައިވެސް މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވިފައިވާ ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާ ހޯދައި، އާންމުންގެ ޚިޔާލަށްވެސް މިކަން ހުޅުވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އާންމުންގެ ޚިޔާލަށްވެސް ހުޅުވާލެވުނު. އަދި އެއަށްފަހު ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމަށްފަހު 45 ދުވަހުގެ މުއްދަތެއް އެބަ ލިބިގެންދޭ ރައްޔިތުން މިކަމަށް ހޭލުންތެރިކުރުމަށް. އެހެންމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެޕްރީލް 4 އާ ހަމައަށް މިކަމަށް މަޝްވަރާކުރުމުގެ ފުރުސަތު އެބައޮތް،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރު ގޮތެއްގައި މިކަމުގައި ހުރި ރަނގަޅު ގޮތްތަކާއި ނުރަނގަޅު ގޮތްތައް ސާފުކޮށްދިނުމުން އެ ބޭފުޅުންގެ ޒިންމާ އަދާކުރެވުނީ ކަމަށެވެ. އެހެންކަމުން މިއީ އެކަށީގެންވާ މަޝްވަރާކުރުމެއް ނެތި ކުރަމުންދާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިންތިޚާބީ އޮނިގަނޑަށް އަންނަ ބަދަލެއް ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫންކަމަށްވެސް ބަންޑާރަ ނައިބު ވަނީ ސާފުކޮށްދެއްވާފައެވެ.

މިއަދު އޮންލައިން