ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފުރިހަމައަށް ތާއީދު ކުރުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ. އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށްފަހު، އެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ.
ޢަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ވޯޓަކީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް އެ ޕާޓީން ބުނެއެވެ.
ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ތަޞްދީޤު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި ވޯޓުގައި އިޞްލާޙަށް ތާއީދުކޮށް "ފެންނަ" ކަމަށް ވޯޓު ދިނުމަށް ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އިން ވެސް ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީން ވަނީ ކުރިން މިކަމަށް ތާއީދުކުރުމަށްފަހު ފަހުން ވިސްނުން ބަދަލުކޮށް، މި ވޯޓާ ދެކޮޅަށް ތެދުވެފައެވެ. އަދި އެ ޕާޓީން ދަނީ މި ވޯޓުގެ ޙަޤީޤަތް އޮޅޭ ފަދަ ވާހަކަތައް ފަތުރަމުން ކަމަށް ވެސް ފާހަގަކުރެވެއެވެ.
މި އިޞްލާޙު ޤާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ މި ވޯޓަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސިޔާސީ މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.