ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއްގައި ގާއިމުކޮށްފައިވާ 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެ، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވުމުގެ އިތުރުން، ޤައުމުގެ އިޤްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
"ޕަވަރ ޕަރޗޭސް އެގްރީމަންޓް"ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ހުރީ އޮޕަރޭޝަނަށް ގެނައުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. މި ނިޒާމު ގާއިމުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، ޅ. ހިންނަވަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގައެވެ.
ސޯލާ ޕީވީ ނިޒާމުގެ އިތުރުން، މި ރަށްތަކުގައި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްތައް ވެސް ވަކި އީ.ޕީ.ސީ ކޮންޓްރެކްޓްތަކެއްގެ ދަށުން ކުރިއަށްދާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ހިއްސާ ހިމެނޭ މި އިންވެސްޓްމަންޓްތަކަކީ އެ ވުޒާރާއިން ތަންފީޒުކުރަމުންދާ "އެސްޕަޔަރ" އަދި "އެރައިޒް" މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުތަކުގެ ދަށުން ރާއްޖޭގެ 21 ރަށެއްގައި ޖުމްލަ 43 މެގަވޮޓްގެ ސޯލާ ޕީވީ އާއި 40 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ރަށްރަށުގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އިޢާދަކުރަނިވި ހަކަތަ އިތުރަށް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.