ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވަނީ

1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މިރޭ ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ. މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ޑީޖޭއޭ އިން ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ހަނދު ބެލުމުގެ ކަންކަން ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން ޝައްވާލް މަހުގެ ހަނދު ފެނިގެން ހެކިބަސް ދިނުމުގެ އެންމެހާ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ހާމަކޮށް ޑީޖޭއޭއިން ބުނީ، މާލޭގައި ނަމަ ހެކިބަސް ދޭންވާނީ މާލޭގެ ކޯޓެއްގެ ގާޟީއެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެއެވެ. މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއް ނަމަ، އެ ވަގުތަކު އެ ކޯޓަކާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ހަނދު ފެނިގެން ހެކިބަސް ދޭން ދަތުރެއް ކުރަންޖެހިއްޖެ ނަމަ، އެ މީހެއްގެ ދަތުރުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ. ހަނދު ފެނުނުކަމުގެ މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށް ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަހެވެ. ނަމަވެސް އީދު ދުވަސް ރަސްމީކޮށް ކަނޑައަޅާނީ މިރޭ ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށްފަހުގައެވެ.

މިއަދު އޮންލައިން