ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ލިބޭގޮތަށް ހުޅުމާލޭގައި 1000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ލިބޭގޮތަށް ހުޅުމާލޭގައި 1000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ހުޅުވާލައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކުރިމަތިލާ ކޮންޓްރެކްޓަރުންނަށް ބޮޑެތި ލުއިތަކެއް ލިބޭގޮތަށް އުސޫލުތައް ބަދަލުކޮށް، އެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ ދިވެހި ކުންފުނިތަކަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ގެޒެޓުގައި ޝާއިޢުކޮށްފައިވާ އައު އުސޫލުގައިވާ ގޮތުން، މީގެކުރިން އޮތް "ޕްރޫފް އޮފް ފަންޑް" ހުށަހެޅުމުގެ ޝަރުޠަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރީގެ އުސޫލުގައި މުޅި މަޝްރޫޢަށް ހޭދަވާ ޖުމުލަ ޚަރަދު ޑިވެލޮޕަރުގެ އަތުގައި ހުރިކަން ސާބިތުކޮށްދޭން ޖެހުނު ނަމަވެސް، މިހާރު ހުށަހަޅަން ޖެހޭނީ މާލީ އިދާރާއަކުން ދޫކުރާ "ލެޓަރ އޮފް ކޮމްފޯޓް" އެކެވެ.

މީގެއިތުރުން، ޑިވެލޮޕަރުންނަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން މަޝްރޫޢަށް އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓް ގަންނަ ފަރާތްތަކަށް އިންޝުއަރެންސް ފޯރުކޮށްދޭންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ޖޮއިންޓް ވެންޗަރތަކަށް ބައިވެރިވެވޭ އުސޫލަށްވެސް ވަނީ އިޞްލާޙު ގެނެސްފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުމުލަ 5 ޕެކޭޖަކަށް ބަހާލައިގެންނެވެ. ކޮންމެ ޕެކޭޖެއްގައި 200 ހައުސިން ޔުނިޓް ހިމެނޭއިރު، އެއް ކުންފުންޏަކަށް ގިނަވެގެން ހަވާލުކުރެވޭނީ 400 ޔުނިޓްގެ މަސައްކަތެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މިގޮތަށް ހަމަޖެއްސީ ވީހާވެސް ގިނަ ދިވެހި އަމިއްލަ ކުންފުނިތަކަށް މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގައި ބައިވެރިވެވޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އެޕާޓްމަންޓްތައް ވިއްކޭނެ އެންމެ މަތީ އަގުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ.

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ކުރިން މި މަހުގެ 23 އަށް އޮތް ނަމަވެސް، ގެނައި ބަދަލުތަކާ ގުޅިގެން މިހާރު ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

މިއަދު އޮންލައިން