ށ. އަތޮޅު ބިލެތްފަހި އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން ގެނުވާނެ މުހިންމު މަޝްރޫޢެކެވެ.
ބިލެތްފަހި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ. ބިލެތްފަހި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އެމްއޭސީއެލްއިން އަތޮޅުތެރޭގައި އެއާޕޯޓެއް ތަރައްޤީކޮށް ހިންގުމާ ހަވާލުވި ފުރަތަމަ މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.
ބިލެތްފަހި އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 36 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ބިންހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމުމަށެވެ.
މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ރަންވޭއަކާއި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޕަސެންޖަރު ޓާމިނަލާއި އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެހެނިހެން އިމާރާތްތައް ހިމެނެއެވެ.