ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިފި

މާފަންނު ޠައިބާ މިސްކިތް ކައިރީ ހުރި ޕްރައިމް ގޯޑައުންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ގާއިމުކޮށްފިއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ "ޕްރައިމް ގޯޑައުން" ކިޔާ ގުދަނެއްގައެވެ. އެމްއެންޑީއެފްގެ މަސައްކަތުން މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އެ ސަރަހައްދުގައި ދުމުގެ އަސަރާއި ކެމިކަލް ވަހުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި ހާދިސާގައި ރޯވި ގުދަން ފިޔަވައި އިތުރު އެއްވެސް އިމާރާތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ހާދިސާ ހިނގުމާއެކު އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ސޯޝަލް ސެންޓަރުގައި ހަމަޖައްސާފައިވާ މަރުކަޒުގެ ބޭނުން ހިފޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"ޕްރައިމް ގޯޑައުންގައި އަލިފާން ރޯވުމާގުޅިގެން އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭނުންވާ އާއިލާއެއް ލިބިނަމަ އެކަން އެންޑީއެމްއޭގެ ހޮޓްލައިން ނަންބަރު 115 އަށް ގުޅުމުންނާއި ސޯޝަލް ސެންޓަރަށް ދިއުމުންވެސް އެ އިންތިޒާމް ހަމަޖެހިގެންދާނެ،" އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ކުއްލި ފަރުވާ ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލްވެސް މިހާރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައެވެ.

މިއަދު އޮންލައިން