ދެމަފިރިން ލޯބިން އެކުގަ އުޅުމުގަ ނަމޫނާ އަނބިމީހާގެ ފުރާނަ އެދަނީކަމަށް ޑޮކްޓަރު ބުނުމުން ފިރިމީހާ ކަރުނައަޅައި ދުޢާކުރުމުން ދެންވީގޮތް- ޑޮކްޓަރުންނަށްވެސް ޖެހުނީ އަންތަރީސްވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދެމަފިރިން ލޯބިން އެކުގަ އުޅުމުގަ ނަމޫނާ އަނބިމީހާގެ ފުރާނަ އެދަނީކަމަށް ޑޮކްޓަރު ބުނުމުން ފިރިމީހާ ކަރުނައަޅައި ދުޢާކުރުމުން ދެންވީގޮތް- ޑޮކްޓަރުންނަށްވެސް ޖެހުނީ އަންތަރީސްވާން!

އެއީ ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންކަމަށް ބުނެލުމަކުން އަދި ނުފުދޭނެއެވެ. ދެމަފިރިން ކޮންމެ ރެއަކު އެކުގައި ޜޭއަޅުކަންވެސް ކުރެއެވެ. ދަރިން ބެލުމާއި ގޭތެރޭގެ ކަންކަން ކުރުމަކީ ވަކިމީހަކު ކުރަންޖެހޭނެ ކަމެއްކަމަކަށް ނުބަލައެވެ. ކޮންމެ ކަމެއްގައިވެސް ދެމީހުންވެސް އެކަކު އަނެކަކަށް އެހީތެރިވެދެއެވެ.  

އަނބިމީހާ ވަޒިފާއަކަށް ނުގޮސް ގޭގައި އިންނަމަވެސް އަނބިމީހާއަކީވެސް ކިޔަވައިގެން އިން އަނެހނެކެވެ. އެހެންވެ ފިރިމީހާ އޮފީހުގައި ކުރަންޖެހޭ މަސައްކަތުން ނުނިމި ހުންނަ މަސައްކަތްކުރަން ގެއަށް ގެނައުމުން ފިރިމީހާއަށް ނިދަން ފުރުޞަތުދީފައި އެމަސައްކަތްވެސް އަނބިމީހާ ކޮށްދެއެވެ.  

އެހައި ލޯބިން އެކުގައި އުޅެމުންދަނިކޮށް 3 ވަނަ ދަރިފުޅަށް ބަލިވެ އިނދެ ވިހަން ހޮސްޕިޓަލަށް ގެންދިއަ ދުވަހެވެ. ވިއްސަން މަސައްކަތްކުރަމުން ދަނިކޮށް ކުއްލިއަކަށް އަނބިމީހާގެ ޙާލު ދަށަށްދާންފެށީއެވެ. ގޮތް ހުސްވުމުން ޑޮކްޓަރު ބުނީ އަނބިމީހާގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމުގެ އުންމީދު ވަރަށް ކުޑަވެއްޖެކަމަށާއި އަވަހަށް ސިޒޭރިއަން ހަދައި ދަރިފުޅު ނަގައިފިނަމަ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.  

އެވަޤުތު ފިރިމީހާ ރޮމުން ދެއަތް އުފުލައި ދުޢާކުރިއެވެ! "ޔާ ﷲ! މިއަޅާގެ އަނބިމީހާއަށް ޝިފާ ދެއްވަވާނދޭވެ! އެއީ މިއަޅާގެ ފުރާނައިގެ އެއްބައެވެ. އިނބަ ﷲ ނިންމެވި ކޮންމެ ގޮތަކަށް މިއަޅާ ރުހިގެންހުރީމެވެ. އިނބަ ﷲ އަށް ވަކީލްކުރުމުގައި ޘާބިތުވެހުންނަން މަސައްކަތްކުރާނަމެވެ. އެހެނަސް 3 ދަރިންނަށްޓަކައިވެސް އަޅަމެން އަދި ދެތަން ނުކުރައްވަވާނދޭވެ! އާމީން!"  

އެއިރު ތައްޔާރުވަމުން ދިއައީ ސިޒޭރިއަން ހަދަން އޮޕަރޭޝަން ތިއޭޓަރަށް ގެންދާށެވެ. ގެންދަން އެނދު ގުޑުވައިލިތަނާހެން ޚިދުމަތުގައި ތިބި ނަރުހުންނަށް ލިބުނީ ބޮޑު ސިހުމެކެވެ. މަޑުމަޑުން ދަރިފުޅު އެނުކުންނަނީއެވެ. އެންމެން ތެޅިގަތެވެ. ޑޮކްޓަރުވެސް ތެޅިފޮޅިގަތެވެ. އެއްވެސް ދަތިކަމެއް ނެތި އެވިހެއީއެވެ. އަނބިމީހާގެ ހިތުގެ ވިންދުވެސް މަތިވާންފަށައިފިއެވެ. ބައިގަޑިއެއްހައިއިރުތެރޭގައި ޙާލަތު އެކުގަ "ނޯމަލް" ވެއްޖެއެވެ.  

ޑޮކްޓަރަށް ލިބުނު ޙައިރާންކަން ބޮޑުކަމުން ބުންޏެވެ. "މިބޭބީގެ ނަމަކަށް ކިޔަންވާނީ މިރެކްލް ބޭބީއެވެ. އަހުރެންނަށް ބޭސްފަރުވާ ކުރެވޭހައި ދުވަހަކު ދެމައިން ބަލައިދޭނީ ހިލޭ ސާބަހަށެވެ."  

ފިރިމީހާ ބުންޏެވެ. "ޑޮކްޓަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! އަހުރެމެންގެ ވެރި ﷲ އަކީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. މިހުންނަނީ ދައްކަވާ ކުދިކުދި ކަންކަމެވެ."  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަންވީގޮތެވެ. މިޙާދިސާގެ ވާހަކައިގެ އަޞްލު ކޮންމެ ގޮތަކަށް އޮތަސް މިބާވަތުގެ އެތައް ކަމެއް އަބަދުވެސް ދަނީ ހިނގަމުންނެވެ. ދެމަފިރިންގެ ގުޅުން ރަނގަޅުވެފައި ދެމަފިރިންވެސް ﷲ އާއި ގުޅުންބަދަހިކުރަން މަސައްކަތްކުރާނަމަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ކަމެއް ދިމާވުމުން ބައިވެރިޔާއަށްޓަކައި ކަރުނައަޅަމުން އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

- މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން