ސްމާޓް އަންހެނުން މާސްމާޓް! ހިތްދަތިވެ ނުނިދެން ފެށީމާ އަތުގަ އެއްވެސް ފައިސާއެއްނެތި ކުރިމަސައްކަތުން ތަނަވަސްކަން ހޯދައި ފިރިމީހާ ސިއްސުވާލި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ސްމާޓް އަންހެނުން މާސްމާޓް! ހިތްދަތިވެ ނުނިދެން ފެށީމާ އަތުގަ އެއްވެސް ފައިސާއެއްނެތި ކުރިމަސައްކަތުން ތަނަވަސްކަން ހޯދައި ފިރިމީހާ ސިއްސުވާލި އަންހެނެއްގެ ވާހަކަ-

އެއީ ފަޤީރު ޢާއިލާއަކަށް ނިޞްބަތްވާ އަންހެނެކެވެ.

ތަނަވަސް މީހަކު އޭނާގެ ކައިވެންޏަށް އެދި ހުށަހެޅުމުން ފުރަތަމަވެސް ބަޔާންކުރީ އޭނާގެ ހުރި ނިކަމެތި ކަމެވެ. އެއީ މައްސަލައެއް ނޫންކަމަށް ބުނެ ދެއްކި ވާހަކަތަކަށް އިތުބާރުކޮށް ކައިވެނިކުރީއެވެ.

ދުވަސްކޮޅެއްފަހުން ފިރިމީހާގެ އުޅުން ބަދަލުވެއްޖެއެވެ. ނިދަން އައުން ލަސްވާން ފަށައިފިއެވެ. ގެއަށް އައިސްވެސް އަނގައިން ނުބުނެ އޮށޯވެ ނިދަން ފަށައިފިއެވެ. ފުރަތަމަ ކޮޅު އަނބިމިހާ ދެރަވެ ރޮއި އާދޭސްކުރިއެވެ. ނަމަވެސް ފަހުން އެވާހަކައެއް ނުދައްކައެވެ.  

ދެން ފެށުނީ އަނބިމީހާގެ ދެރަނިކަމެތިކަން ބަޔާންކޮށް ފުރައްސާރަކުރުމެވެ. އެއިން ވާހަކައަކަށްވެސް އަނބިމީހާ ޖަވާބެއް ނުދެއެވެ. އެހެންވެ ފިރިމީހާއަށް ވިސްނުނީ އަނބިމީހާ އެއިންނަނީ ގޮތް ހުސްވެގެން ކަމަށެވެ. އެހެންވެ ކަންކަން ކުރަމުން ގެންދިއައީ އެފަހަރަކު ހިތަށް އެރި ގޮތަކަށެވެ. ބުނަމުންގެންދިއައީ ދެރަކޮށް ނިކަމެތިކުރުމުގެ ބަސްތަކެވެ.  

އެއް ދުވަހަކު ހަވީރު ފިރިމީހާ ގެއަށް އައިސް ހިތުގައި ޖެހޭނެ ފަދަ ބަސްތައް ބުނަމުން ގޮސް ދެން ރަނގަޅުވާނީ މައިންބަފައިންގެ ޣާތަށް ދިއުނަކަމަށް ބުނުމުން އަނބިމީހާ ޖަވާބުދިނެވެ. "ތިއައީ ރަނގަޅު ވާހަކައެއް ނޫނެވެ. ކަލެއަށް ކުރެވޭނެ ކަމަކީ އަހުރެން މިގެއިން ނެރެ ފޮނުވައިލުމެވެ. ދާންވީ ތަނެއް ކަނޑައެޅުމަކީ އަހުރެންގެ ކަމެކެވެ." ޖަވާބުގައި ފިރިމީހާ ބުނީ ތިއަހުރީ ލޯބިވެރިއަކު ހޯދައިގެންތާއެވެ. އޭނާގެ ގެއަށް ދިއަޔަސް ރަނގަޅުވާނެ ކަމަށެވެ."  

އަނބިމީހާ ނަންބަރަކަށް ފޯނުކޮށްފައި ބުނީ 5.30 އަށް ކާރުފޮނުވުމަށެވެ. ފިރިމިހާ ހީކޮށްގެން ހުރީ ބަލައި އަންނާނީ ލޯބިވެރިޔާ ކަމަށެވެ. އެހެންވެ އޭނާއަށް ލަނޑެއްދޭންވެސް ހުރީ ރާވައިގެންނެވެ. އެކަމަކު އެންމެ އަގުބޮޑު ކާރެއްގައި އައީ ޔުނިފޯމުގައި ޑްރައިވަރެކެވެ. ފޮރިމީހާ ހީކުރީ އެއީ ލޯބިވެރިޔާގެ ޑްރައިވަރު ކަމަށެވެ. އެގޮތަށް ހީކޮށް ގޮސް ޑްރައިވަރަށް ނުބައިބަސްތައް ބުނަން ފެށިތަނާ ކާރަށް އަރަމުން އަނބިމީހާ ބުންޏެވެ. "ތިއަ ދޫ ތާހިރުކުރާށެވެ. އަހުރެންގެ މުވައްޒިފުންނަކަށް އަހުރެން ތިއަފަދަ ބަސްތަކެއް ނުބުނަމެވެ. ބުނަންހެއްޔެވެ؟ ކަލޭގެ ސަބަބުން ނުނިދި ހޭލައި އޮންނަން ޖެހުނީމާ އަހުރެން ވަޤުތު ބޭކާރެއް ނުކުރަމެވެ. އަހުރެން މަސައްކަތްކުރީ ކަލެޢާއި ނުލައި އުޅެވޭނެ ގޮތެއް ހޯދުމަށެވެ. އަހުރެންގެ އަމިއްލަ ކާރުގައި މިދަނީ އަހުރެންގެ އަމިއްލަ މަސައްކަތުން ގަނެފައިވާ ފްލެޓަށެވެ. އަހުރެންގެ މައިންބަފައިން މިހާރު ދިރިއުޅެނީ ފަޤީރު އަވަށަކު ނޫނެވެ. އަހުރެންގެ ފްލެޓުގައެވެ. އަހުރެން މިދަނީ ހަމައެފްލެޓަށެވެ. އެކަމަކު އަހުރެން ހޯދަން އައިސްގެން ނުވާނެއެވެ. އަޔަސް ބައްދަލެއްވެސް ނުކުރާނަމެވެ. ފޯނުވެސް ނުކުރާށެވެ! ކުރިޔަސް ޖަވާބެއް ނުދޭނަމެވެ."

ފިރިމީހާއަށް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އަނބިމީހާގެ އެކުވެރިއަކާއި ގުޅައި އޮޅުން ފިލުވުމުން އެނގުނީ އަނބިމީހާގެ އަމިއްލަ ވިޔަފާރިއެއް ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމެވެ.  

"އަތުގައި އެއްވެސް ފައިސާއެއް ނެތި އޭނާ ވިޔަފާރިފަށައި ކުރިއަށްދިއައީއެވެ. އަހުރެންނަށް މިއުޅެނީ އަތުގައި ފައިސާހުރެ ދަރަނިތަކުން ސަލާމަތް ނުވެވިގެންނެވެ. އަނބިމީހާއަށް ހެޔޮކޮށްހިތައި އޭނާގެ އަގުވަޒަންކުރިނަމަ އަހުރެންނަށް މިހާރު ހުންނާނީ ހާދަބޮޑު ކުރިއެރުމެއް ލިބިފައެވެ. އެކަމަކު ދެން ކުރާނެ ކަމެއް ނެތެވެ. މާފުކުރާނެ ވަރަށްވުރެ މާބޮޑަށް ނިކަމެތިކުރެވިއްޖެއެވެ. ހިތުގައި ޖެއްސިއްޖެއެވެ."

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ. ބުނެލަން ބޭނުންވަނީ މިއަދުގެ ސްމާޓް އަންހެނުންގެ ސްމާޓްކަން ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ހެޔޮލަފާ އަންތބަކު ލިބިއްޖެނަމަ އަގުވަޒަންކުރާށެވެ. ނޫންނަމަ ގާތީ އެފިރިމީހާއަށް ޖެހުނު ޙާލުޖެހުމެވެ.

 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން