މާދަމާ މާލެ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދޭނެ ވަގުތުތައް އެމްޓީސީސީން އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މާދަމާ މާލެ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދޭނެ ވަގުތުތައް އެމްޓީސީސީން އާންމުކޮށްފި

މާދަމާ ފާހަގަކުރާ އަޟްޙާ ޢީދު ދުވަހާ ގުޅިގެން މާލެ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ދޭނެ ވަގުތުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އާންމުކޮށްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް ދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތައް ހިމެނެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަޙައްދުގައި މާދަމާ ބަހުގެ ޚިދުމަތް ޢާންމުކޮށް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައެވެ. ނަމަވެސް، އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ހުޅުމާލެ ދެ ފިޔަވަހިން އެއަރޕޯޓަށް ކުރާ ދަތުރުތައް ފަތިހު 5:30 އިން ފެށިގެން 6:35 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި މާލެއިން އެއަރޕޯޓަށް ކުރާ ބަސް ދަތުރުތައް ހެނދުނު 6:40 ގައި ފަށާނެއެވެ. މީގެ އިތުރުން، ވިލިމާލޭގައި ދެމުންދާ ބަހުގެ ޚިދުމަތް މާދަމާ ހެނދުނު 6:00 އިން 8:00 އަށް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

ޢީދު ނަމާދުގެ ވަގުތަށް ބަލައި، މާލެއިން ވިލިމާލެއަށް ކުރާ ފެރީ ދަތުރުތަކުގެ ތެރެއިން ނަމާދުގެ ކުރިން އޮންނާނެ އެންމެ ފަހު ފެރީއަކީ ހެނދުނު 6:30 ގެ ފެރީއެވެ. އަދި ޢީދު ނަމާދަށްފަހު އަލުން ދަތުރުތައް ފަށާނީ ހެނދުނު 8:00 ގައެވެ. މާލެއިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 ގައެވެ. އަދި މާލެއާއި ތިލަފުއްޓާ ދެމެދު ކުރާ ދަތުރުތައް ހެނދުނު 8:30 ގެ ފަހުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ފުރާ އަތޮޅު ފެރީތަކުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދެން އެ ފެރީތައް ލަފާފުރާނީ މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލް މެދުވެރިކޮށް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އަދި ޢީދު ބަންދާ ގުޅިގެން އާދިއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށްވާތީ، ހުޅުމީދޫ، ފޭދޫ އަދި ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ.

މިއަދު އޮންލައިން