ބޮޑުދައިތަގެ ބަދިގެއިން ނުކުންނަން ފުރުޞަތު ނުލިބުނު އަންހެންކުއްޖަކު ބަދިގޭގައި ހުއްޓާ އަވަށުގެ އެންމެ ތަނަވަސްޒުވާނާއާ ކައިވެނި ކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ބޮޑުދައިތަގެ ބަދިގެއިން ނުކުންނަން ފުރުޞަތު ނުލިބުނު އަންހެންކުއްޖަކު ބަދިގޭގައި ހުއްޓާ އަވަށުގެ އެންމެ ތަނަވަސްޒުވާނާއާ ކައިވެނި ކުރެވުނު ގޮތުގެ ވާހަކަ-

އޭނާގެ ޢުމުރުން 12 ވަރަކަށް އަހަރުގައި މަންމަ ޢާއި ބައްޕަ ދުނިޔެދޫކުރުމުން ދިރިއުޅެންޖެހުނީ ބޮޑުދައިތަގެ ބެލެުމުގެ ދަށުގައެވެ. އެޢުމުރުގައިވެސް ގޭގެ ހުރިހާ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެންމެ އަސަރުކުރަނީ ބޮޑުދައިތަގެ ދަރިއަކު ލައްވައި އެއްވެސް ކަމެއް ނުކުރުވާތީއެވެ.

އޭނާ ދެރަވެއެވެ. އެކަމަކު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ކެތްތެރިކަމާއި ހިތްވަރު ލިބިގަންނަނީ މަންމަގެ ނަޞީޙަތުންނެވެ. "ދަރިފުޅާއެވެ! ދުނިޔޭގައި އުޅެން އެކި މީހުންނަށް ޖެހޭނީ އެކިޙާލުގައެވެ. އެއީ އެއްވެސް މީހެއްގެ ކުށުން މެދުވެރިވާ ގޮތެއް ނޫނެވެ. އެއީ އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވާ ގޮތެވެ. އެކަމަށް މިކިޔަނީ ކުރިމަތިކުރައްވަވާ އިމްތިޙާނެވެ. ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! ނަމާދުކޮށް ދުޢާކުރާށެވެ! ވެވުނުހައި ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! ލައްވަވާ ރަހްމަތުގެ ބޮޑުކަމުން ހިތްފުރޭނެ ދުވަހެއް އަންނާނެއެވެ."

ބޮޑުދައިތަގެ 4 އަންހެން ދަރިން ތިބެއެވެ. އޭނާއާއިއެކު 5 އަންހެންކުދިން ތިބެއެވެ. އަވަށުގެ އެކި ފެންވަރުގެ ޒުވާނުން އެގެއަށް ގޮސްއުޅެއެވެ. ކުޅިވަރުކުޅެ މަޖާކުރެއެވެ. އެއިން ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތުވެސް އޭނާއަކަށް ނުލިބެއެވެ. އެއިން ޒުވާނަކާއި އަނގައިން ބުނެލުމުގެ ފުރުޞަތުވެސް ނުލިބެއެވެ. އަބަދުވެސް އުޅެންޖެހެނީ މަސައްކަތުގައެވެ.  

އަހަރުތައް ފާއިތުވަމުންގޮސް 18 އަހަރުފުރުނު ދުވަހެވެ. އެކަން އެނގެނީވެސް އޭނާއަށް އެކަންޏެވެ. އެހެންވެ ޕާޓީއެއްވެސް ނުބާއްވައެވެ. އެކަމާ ދެރައެއްވެސް ނުވެއެވެ. އެއީ ޕާޓީ ނުބާއްވާނެކަން އޭނާއަށް ކުރިންސުރެ ވިސްނޭތީއެވެ.  

ހަވީރު ސައިގެ ވަޤުތެވެ. ތަނަވަސް ދެތިން ޒުވާނުންވެސް ގޭގައި ތިއްބައި އިތުރު ޒުވާނަކު އައިސް ގެއަށްވަނީ އޭނާގެ މައިންބަފައިންނާއިއެކުގައެވެ. އެއީ އެންމެ ތަނަވަސް ޒުވާނާ ކަމަށްވުމުން ބޮޑުދައިތަ ވަރަށް އުފަލުން ހުރެ މަރުޙަބާ ކިޔެވެ.  

އިރުކޮޅަކު މަޑުކޮށްލުމަށްފަހު ތަނަވަސް ޒުވާނާގެ ބައްޕަ ބުންޏެވެ. "އަހުރެމެން މިއައީ ކަމަކަށް އެދިގެންނެވެ. އަހުރެމެންގެ ދަރިފުޅު މިގެއިން ކުއްޖަކާއި ކައިވެނިކުރަން އެބަ ބޭނުންވެއެވެ. ރުހޭނަމަ އެކުއްޖާ އަހުރެންނާއި ޙަވާލުކުރާށެވެ. ދާންބޭނުމީ ގޮވައިގެންނެވެ. ކައިވެނި މާދަމާރޭ ކުރެވޭނެއެވެ. ކައިވެނިކުރެވެންދެން އަހުރެމެންގެ ގޭގައި ބައިންދާނީ ޢިއްފަތްތެރިކަމާއިއެކުގައި ކަމުގެ ޔަޤީންކަން ދެމެވެ."  

ބޮޑުދައިތަ އުފަލުން ތެޅިފޮޅިގަތެވެ. އެކަމަށް ވަޤުތުން އެއްބަސްވިއެވެ. އަވަށުގެ އެންމެ ތަނަވަސް މީހާގެ ދަރިފުޅާއި ދަރިއެއްގެ ކައިވެނިކުރެވޭތީއެވެ. އެހެންވެ ދަރިފުޅު ބޭނުންވަނީ ކޮންކުއްޖެއްތޯ ސުވާލުކުރުމުން ބުނީ އަމިއްލަ ދަރިއެއްގެ ވާހަކައެއް ނޫނެވެ. ބޮޑުދައިތަކިޔާ ކުއްޖާގެ ވާހަކައެވެ. އެކަން އެނގުމުން ކަރުއެލުވާލައިފައި ބުނީ އެއީ އަހުރެންގެ ދަރިއެއް ނޫން ކަމަށެވެ. ބައްޕަ ބުނީ އެކަންވެސް އެނގޭކަމަށެވެ.  

ޒުވާނާ ތެދުވެފައި އޭނާއަށް ގޮވާލުމުން ނުކުމެގެން އައީ ބަދިގެތެރެއިންނެވެ. ޒުވާނާ ބުންޏެވެ. "ބޮޑުދައިތައަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަހުރެމެން ގޮސްލާނަމެވެ. މާދަމާރޭ 8 ޖަހާއިރަށް މިގޭ އެންމެން އަހުރެމެންގެ ގެއަށް އަންނާށެވެ."  

ހުއްޓުވަން ބޮޑުދައިތަ ބޭނުންވިއެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. ހުއްޓުވަން އުޅުނަސް އެކަން ނުކުރެވޭނެކަން އެނގޭތީއެވެ.  

އެދެޒުވާނުންގެ ކައިވެނިކުރެވުނެވެ. ކައިވެނީގައި ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން އަންނަނީ ލޯބިން ވަރަށް އުފަލުގައެވެ. ބޮޑުދައިތައަށްވެސް އެހީތެރިވެދެއެވެ. ބޮޑުދައިތަ ކަންތައްކުރި ގޮތުގެ އެއްވެސް ޝަކުވާއެއްވެސް ނުކުރެއެވެ.  

އަޅުގަނޑުގެ ނަޞީޙަތަކީ ޙާލަތު ނިޔާކުރާ ގޮތަކުން އެފަދަ ނިކަމެތި ޙާލެއްގައި އުޅެންޖެހުނަސް އެކުއްޖާ ފަދައިންވާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އައިސް އަރާހަމަކުރާނެއެވެ.  

- މިއަދުނޫހުގެ ކިޔުންތެރިއެއް    

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން