އެއީ މިލިއަނަރެކެވެ. ކައިވެނިކޮށް އަނބިމީހާއަށް ހެޔޮކޮށް ހިތަމުން އައި މީހެކެވެ. އަނބިމީހާގެ ހިތް އެވަރަކުންވެސް ނުފުރުނެވެ. ބޭނުންވީ ފިރިމީހާ މަރާލައި އޭނާގެ ތަނަވަސްކަމަށް ވެރިވެގަންނާށެވެ. ފިރިމީހާގެ ތަނަވަސްކަން ދަމައިގަތުމަށްފަހު ލޯބިވެރިޔާއާއިއެކު އުފަލުގައި ދިރިއުޅޭށެވެ!
އެކި ގޮތްގޮތަށް ރާވަމުން ގޮސް ނިންމީ ފިރިމީހާ އޮފީހަށްދާ ކާރުގެ އިރުކޮޅަކު ދުއްވުމުން ބްރޭކް ނުޖެއްސޭނެ ގޮތް ހަދައި އެކްސިޑެންޓްކުރުވާށެވެ. އެވަޤުތު ކާރުގޮއްވާލައި ފިރިމީހާ މަރައިލާށެވެ.
މިރޭވުންތައް ރޭވިއަޑު ގޭގެ ނޯކަރު އަންހެނަކަށް އިވުނުކަން އެނގުމުން އޭނާއަށް 1 މިލިއަން ޑޮލަރުގެ ހަދިޔާއެއް ހުށަހަޅައި އެވާހަކަ ސިއްރުކޮށްދޭން އެދުނެވެ. އަދި އޮޕަރޭޝަން ކާމިޔާބުވުމުން އިތުރަށްވެސް ދޭނެކަމަށް ބުންޏެވެ. ނޯކަރު އެކަމަށް އެއްބަސްވިއެވެ.
އަނެއް ދުވަހު ހެނދުނު ފިރިމީހާ ގެއިން ނުކުމެ ކާރަށް އަރަން އުޅެންފެށުމުން ނޯކަރު އަންހެންމީހާ ދުވެފައިގޮސް އޭނާއާއި ކާރާއި ދެމެދަށް ހުރަސްވެ ހުރެ އާދޭސްކޮށްފައި ބުންޏެވެ. "ބޮސްއެވެ! ތިއަކާރަށްނާޜާށެވެ! ކާރު އެކްސިޑެންޓް ކުރުވައި ބޮސް މަރާލަން އޮތީ ރާވާފައެވެ!"
އެވަޤުތު އަނބިމީހާ އައިސް ނޯކަރު އެހުރީ ބުއްދިގޯސްވެފައިކަމަށްބުންޏެވެ. ނަމަވެސް ފިރިމީހާ ޤަބޫލުކުރީ ނޯކަރު އެހެން ބުނާނީ ސަބަބެއް އޮތީމައި ކަމަށެވެ. އެހެންވެ ވަޤުތުން އޭނާގެ މެކޭނިކުން ގެނެސް ކާރު ޗެކްކުރަން ބުންޏެވެ. އެކަމަކު ކާރުގައި އަތްލަންވާނީ ފުލުހުންގެ ޙާޒިރުގައިކަށްބުނެ ފުލުހުން ގެނުވިއެވެ.
ފުލުހުންނާއި މެކޭނިކުންގެ މަސައްކަތުން ކުޑަވަޤުތުކޮޅެއްގެ ތެރޭގައި ކަންކަން ހޯދުނެވެ. ނޯކަރު އޮތީ މެޑަމް ދެއްކި ވާހަކަތައް ފޯނަށް ރެކޯޑްވެސް ކޮށްފައެވެ. އެހެންވެ ފުލުހުން ދިއައީ އަނބިމީހާ ހައްޔަރުކޮށް އޭނާ ގޮވައިގެންނެވެ.
މަސްދުވަސްފަހުން ތަނަވަސް މިލިއަނަރު އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ނޯކަރާއި ކައިވެނިކުރިއެވެ. އެހިސާބުން ނޯކަރު ބަދަލުވީ މެދަމަށެވެ. ލިބެން އޮއްވައި ބޭނުންނުކޮށް ދޫކޮށްލި 1 މިލިއަން ޑޮލަރަށްވުރެ މާބޮޑު އިނާށމެއް ލިބުނީއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބެން އޮތަސް ޙަލާލު ނޫން ގޮތުގައި ބޭނުންނުކުރާށެވެ! އެއިރުން ލިބޭނެ ތަނަވަސްކަން މާބޮޑުވާނެއެވެ! އަދި ކިތަންމެ ބޮޑުތަނަވަސްކަމެއް ލިބުނަސް ހިތްނުފުރޭ އަނބިންނަށްވެސް އަދި ފިރިންނަށްވެސް މިޙާދިސާގައި ޢިބްރަތެއް ވެއެވެ.
- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ