އެމެރިކާއާއި އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާއި ގުޅުވާފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ހާރިޖިއްޔާއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ހަކަތައާ ގުޅުންހުރި އުމްރާނީ ވަސީލަތްތަކަށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
އީރާނުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ އިތުރުން، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ގަތަރު އަދި ކުވެއިތުގެ ހަކަތައާ ގުޅުންހުރި ވަސީލަތްތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައްވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރަށް ބުރޫއަރަމުންދާކަން ހާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ ތެޔޮ އުފައްދާ މަރުކަޒުތަކާއި، ފެން އުފައްދާ ކާރުޚާނާތަކާއި އެއާޕޯޓު ފަދަ މުހިންމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅާފައެވެ. "މިފަދަ މުހިންމު އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް" ކަމަށް ބަޔާނުގައިވެއެވެ.
ބަޔާން ނިންމާލަމުން ދިވެހި ސަރުކާރުން ވަނީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި ސުލްހައިގެ މަޝްވަރާތައް އަވަހަށް ކުރިއަށްގެންދިއުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.