ކިތަންމެ ނުރައްކާތެރި އަދި މަޖުބޫރީ ޙާލަތެއް ކުރިމަތިވިޔަސް މާތް ﷲ އަށް ބިރުވެތިވެ ފާފައެއް ނުކުރީމާ ލައްވަޥާނެ ރަޙްމަތް މާބޮޑުވާނެ ކަމަށް ބުނަންޖެހޭ ސަބަބަކީ ކޮންމެ ދުވަހަކުހެން މިފަދަ ޙާދިސާތަކުގެ މައުލުމާތު ލިބެމުންދާކަމެވެ.
ތިރީގައިވާ ވާހަކައަކީ އެކަމަށް ހެކިލިބިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!
އަޅުގަނޑު ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ! މަންމަ ނިޔާވިތަނުން ބައްޕަ ދޮންމަންމަ އަކު ގެއަށް ގެނެސްފިއެވެ. އޭނާގެ ނުބައިކަން ބޮޑުކަން ސިފަކޮށްދޭން ލިޔާނެ ޢިބާރާތެއްވެސް ނުއެނގެއެވެ. އެންމެ ކުޑައިރުންސުރެ އޭނާ އަޅުގަނޑު ހެދީ ގޭގެ ނޯކަރަށެވެ. ނުކުރެވޭވަރުގެ ބުރަ މަސައްކަތްތައް ކުރުވައެވެ. ސްކޫލަށް ފޮނުވި ނަމަވެސް ގޭގައި ފިލާވަޅުތައް ދަސްކުރާނެ ވަގުތެއްވެސް ނުދެއެވެ.
އެޙާލުގައިވެސް އަޅުގަނޑު ދިއައީ ކިޔަވަން މަސައްކަތްކުރަމުންނެވެ. ފާސްވަމުންނެވެ. އެފަދަ ޙާލެއްގައި އުޅެ އޯލެވެލް ނިންމިތަނާ ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ ނިވާވިއިރު އޭނާވަނީ މަކަރުން ބައްޕަގެ ގެދޮރަށްވެސް ވެރިވެގެންފައެވެ. ބައްޕަދެކެ ވަރަށް ލޯބިވާކަމަށް ހެދިގެން އުޅެމުން އައިސް ބަލީޙާލުގައި އޮއްވާ ގަދަކަމުން ލިޔުންތަކެއްގައި ސޮއިކުރުވައި ފިންގަރޕްރިންޓް ޖައްސުވައިގެންނެވެ. އެއިރަކީ މިހާރުހެން ގޯތި ގެދޮރު ދޫކޮށްލަން ދަރިންގެ ހުއްދަ ހޯދަން ޖެހޭ އިރެއް ނޫނެވެ.
ބައްޕަ ނިޔާވި ހިސާބުން އަޅުގަނޑަށް އުޅެންޖެހުނީ ކުރިއަށްވުރެވެސް ހިތްދަތިޙާލުގައެވެ. ނަމަވެސް އެހެން ގޮތެއް ނެތުމުން ކެތްކށްގެން ހުރީއެވެ. ޢާއިލާގައި އަޅުގަނޑު ބަލައިދޭނެ މީހަކު ނެތުމުންނެވެ. ދޮންމަންމައަށް ގެދިނުމުން އެކަމުގެ ރުޅީގައި އަޅުގަނޑާއިވެސް އަޅައިނުލީއެވެ.
ހުންނަންޖެހުނީ 18 އަހަރު ނުފުރެނީސް ކައިވެންޏެއް ނުކުރެވޭނެތީ އެކަމުގެ ހިތާމައިގައެވެ. ހުރިހާވެސް އުންމީދަކީ 18 އަހަރު ފުރުމެވެ.
ދުވަސްކޮޅަކުން ދޮންމަންމަ ވަރަށް ތަނަވަސް މީހަކާ ކައިވެނިކޮށް އޭނާގެ ގެއަށް ބަދަލުވެއްޖެއެވެ. އަޅުގަނޑުވެސް އެގެއަށް ގެންދިއައެވެ. އެގޭގައި އުޅެންފެށިތަނާހެން ދޮންމަންމަގެ އަޞްލު ސިފަތައް އޭނާއަށް ފެންނަން ފަށައިފިއެވެ. ކަންތައްތައް ގޯސްވަމުން ގޮސް ވަރިކުރާހިސާބަށް ދިއުމުން ދޮންމަންމަ ބޭނުންވީ އޭނާ ބްލެކް މޭލްކުރާށެވެ! އަޅުގަނޑަށް އަމުރުކުރީ އެރޭ ދޮންމަންމަ ބޭރަށް ދާނެ ކަމަށާއި 10 ޖަހާއިރު އެނބުރި އަންނާނެ ކަމަށެވެ. އަންނައިރު ފިރިމީހާ އާއި އަޅުގަނޑާއި ތިބެންޖެހޭނީ ފާޙިޝް އަމަލުކުރަން ކަމަށެވެ.
ދޮންމަންމަގެ ކުރިމަތީގައި ދެކޮޅު ހަދައިގެން ލިބޭނެ މޮޅެއް ނޯންނާނެތީ އެކަމަށް ތައްޔާރުވެލަން 3 ދުވަސް ދިނުމަށް އެދުނީމެވެ. އަޅުގަނޑު ބުނީމެވެ. "މިހައިތަނަށްވެސް ތިއަ ފަދަ އެއްވެސް ކަމެއް އަޅުގަނޑު ނުކުރަމެވެ. ވީމާ ތިއަވަރުގެ ކަމެއް ކުރެވޭނީ ސިކުނޑި އެކަމަށް ތައްޔާރުކޮށްލައިގެންނެވެ." އެގޮތަށް ބުނުމުން ނަޞީބަކުން އެއްބަސްވެއްޖެއެވެ.
އެފަދަ ކަމެއް އަޅުގަނޑު ކުރާނީވެސް ކިހިނަކުންތޯއެވެ؟ ފުރަތަމަކަމަކީ އެއީ އެންމެ ބޮޑު ފާފައެއް ކަމެވެ. ދެވަނަ ކަމަކީ އެމީހާ އަޅުގަނޑަށް ވަރަށް ރަނގަޅުކަމެވެ. އަމިއްލަ ދަރިއަކަށް ހިތާ ގޮތަށް އަޅުގަނޑަށް ހެޔޮކޮށް ހިތާކަމެވެ.
ގަތް ބިރެއްގެ ބޮޑުކަމުން އެރޭ އަޅުގަނޑަށް ނުވެސް ނިދެއެވެ. އެއީ އަޅުގަނޑުގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ދަމުނަމާދުކުރިރެއެވެ. ދަމުނަމާދުކޮށް ވަރަށް ގިނައިރުވަންދެން އެބޮޑު ފާފަކުރުމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރީމެވެ. ދެވަނަ ރޭވެސް ހަމަ އެގޮތަށް ކަންތައް ކުރީމެވެ.
އެދުވަހު ހެނދުނު ހޭލެވުނުއިރު ހުރީ ވަރަށް ބޮޑު ހިތްވަރެއް ލިބިފައެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ބަލައި އެނާ އޮފީހަށް ދިއުމުން ދޮންމަންމަގެ މަކަރުވެރި ރޭވުން ވަރަށް ތަފްޞީލްކޮށް ލިޔެފައި އޭނާއަށް މެސެޖްކުރީމެވެ.
މެސެޖްކުރިތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ކާރު ފޮނުވައިގެން އަޅުގަނޑު އޮފީހަށް ގެންގޮސްފިއެވެ. އަދި އަޅުގަނޑު ލައްވައި އެވާހަކަތައް ކިޔުއްވައި އޭނާ ރެކޯޑްވެސް ކުރިއެވެ. އެކަންކުރުމަށްފަހު އަޅުގަނޑު ގޮވައިގެންގޮސް ޙަވާލުކުރީ އޭނާގެ ދައްތައާއިއެވެ. ދައްތަގާތުގައި ބުނީ އޭނާ އަޅުގަނޑު ބަލައި އަންނާނެ ކަމަށާއި އަންނަންދެން ދައްތަގެ ބެލުމުގެދަށުގައި އަޅުގަނޑު ބެހެއްޓުމަށެވެ. އަދި އަޅުގަނޑު ގާތުގައި ބުނީ ފޯނު ނިއްވާލުމަށެވެ. ކަމެއް ބޭނުންވެއްޖެނަމަ ދައްތަ ލައްވައި އޭނާއަށް ގުޅުމަށެވެ. އަދި އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުނުކުތުމަށެވެ.
އޭނާ ބުނި ގޮތަށް ކަންކަން ކޮށްގެން އެގޭގައި އިންދައި އޭނާ އަޅުގަނޑު ބަލާއައީ 2 ދުވަސްފަހުންނެވެ. ގެންގޮސް ގެއަށް ވެއްދުމަށްފަހު ބުނީ ދޮންމަންމަ ވަރިކޮށް ގެއިން ފޮނުވާލައިފިން ކަމަށާއި އަޅުގަނޑުގެ އުމުރަށްވެސް އޭނާގެ އަމިއްލަ ދަރިއަކު ފަދައިން އެގޭގައި އިނދެވޭނެ ކަމަށެވެ. އަޅުގަނޑު ބަލަހައްޓައިދޭނެ ކަމަށެވެ. އަދި ޝަރީޢަތުން އަޅުގަނޑުގެ ބައްޕަގެގެ އަޅުގަނޑަށް ހޯދައިދޭނެ ކަމަށްވެސް ބުންޏެވެ.
މަހެއްހައި ދުވަސްފަހުން އޭނާ އެހެން އަންހެނަކާއި ކައިވެނިކޮށްގެން ގެއަށް ގެނެސްފިއެވެ. އެހިސާބުން ހުރިހާ ބިރުވެރިކަމެއް އަޅުގަނޑަށް ފިލައިފިއެވެ. އޭނާގެ ވައުދު ފުއްދިއެވެ. ކޯޓަށް ހުށަހަޅައިގެން ބައްޕަގެ ގޯތިއަޅުގަނޑަށް ހޯދައިދިނެވެ. އެކަން ކުރެވުނީ އެލިޔުމުގައިވާ ތާރީޚަކީ ބައްޕަ ބަލިޙާލުގައި އޮތް އިރުގެ ތާރީޚަކަށްވުމުންނެވެ. އެއިރު ބައްޕަގެ ހަމަބުއްދި ނެތްކަން ޑޮކްޓަރުންގެ ހެކިބަހުން ސާބިތުކޮށްދީގެންނެވެ.
ގޯތި ލިބުމުން ގޯތީގައި ގެއެއް އަޅައިދިނެވެ. ނަމަވެސް ދިނީ ކުއްޔަށެވެ. ކުލި ޖަމާކޮށްދިނީ އަޅުގަނޑުގެ އެކައުންޓަށެވެ. އޭނާ ބޭނުންކުރީ ގޭގެ ތިރީބައިގައި ހެދި ފިހާރައެވެ. އެތަނަށްވެސް ކުލި ޖަމާކޮށްދިނެވެ. އަޅުގަނޑަށް ކިޔަވައިދިނެވެ. މެލޭސިޔާގައި ބަހައްޓައިގެންވެސް ކިޔަވައިދިނެވެ.
ރާއްޖެއައުމުން ވަޒީފާވެސް ދިނެވެ. ކައިވެނިކުރުމުންވެސް ގެންގުޅުނީ އޭނާގެ ގޭގައެވެ. ދަރިން ލިބުމުން ހެޔޮލަފާ ކާފައެއްގެ ބައިވެސް އަދާކޮށްދިނެވެ! މިއަދާއި ހަމައަށްވެސް އަޅުގަނޑު ދިރިއުޅެމުން މިއަންނަނީ އޭނާގެ ހެޔޮކަމުގައެވެ. އޭނާގެ 2 ދަރިން ތިބެއެވެ. އޭނާއަކީ ދަރިންނަށްވެސް ވަރަށް ހެޔޮ ބައްޕައެކެވެ. އެއިން ދަރިއަކާއި އަޅުގަނޑާއި އެއްވެސް ތަފާތެއް ނުކުރެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހުރިހާ ނިޢްމަތްތަކެއް އަޅުގަނޑަށް ލިބުނީ ދޮންމަންމަ ބުނި ފަދައިން އެބޮޑު ފާފަ އަޅުގަނޑު ނުކުރީތީއެވެ. ހަމަ އެއާއިއެކު އެކަންތައް ކުރިމަތިވުމުން އަޅުގަނޑު ﷲ އަށް ކުރި ދުޢާއިންނެވެ!
އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ މިވާހަކަކޮޅުން ތިއަބޭފުޅޫންނަށް ފައިދާއެއް ކުރާނެ ކަމަށެވެ.
- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-