އެއީ ކައިވެނިކޮށް އުފަލުގައި އުޅެމުން އައި ދެމަފިރިންނެވެ. ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބުން ފިރިމީހާއަށްވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެހެންވެ އުޅުމަށް ބަދަލުގެންނަމުން އައިސް އައިސް ކޮންމެ ދުވަހަކުވެސް އަނބިމީހާއަށް ނުބައި ބަސްތައް ބުނަން ފެށިއެވެ.
"ކައިވެނީގައި މިހާދުވަސްވީއިރު އަހުރެންނަށް މިލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ އެކުގައި ކައިވެނިކުރި އެންމެންނަށް ދަރިން ލިބިއްޖެއެވެ. ދަރިއަކު ނުލިބުނީ އަހުރެންނަށް އެކަންޏެވެ. ތިއައީ ކުނިގަނޑެކެވެ. ދުވަހަކުވެސް ދަރިއަކު ނުވިހާނެއެވެ." މިފަދަ ނުބައިބަސްތައް ބުނަމުން ގޮސް ވަރިކޮށްލައި ގެއިން ފޮނުވައިލިއެވެ.
ދެހަރެއްހައި ދުވަހު އާވާރާ ދިރިއުޅުމެއް އުޅުމަށްފަހު އެކަނި ހުންނަން އުނދަގޫތަކެއްވާން ފެށުމުން ނިންމީ ގޭގައި ގެންގުޅޭ ނޯކަރު އަންހެންކުއްޖާ އާއި ކައިވެނިކުރުމަށެވެ. އެއީ ނިކަމެތި ކުއްޖެއް ނަމަވެސް ވަރަށް ރީތިކުއްޖަކަށްވާތީއެވެ. އެހެންވެ އެއްރޭ ކާން އިނދެފައި އޭނާ ގެނުވައި އެވާހަކަދެއްކުމުން އޭނާދިނީ ވަރަށް ތަފާތު ޖަވާބެކެވެ.
"ބޮސްއެވެ! މިގޭގައި މިއުޅެނީ އުޅޭ ހިތަކުން ނޫނެވެ. ގިނަ ދުވަސްތަކެއް ވަންދެން މިގޭގައި އުޅެވުނީތީ ގެއަށް ޖެހިފައިހުރި ލޯބީގެ ބޮޑުކަމުންނެވެ. ތިބާގެ އަނބިމިހާއަކީ ހާދަހައިވާ ރަނގަޅު އަންހެނެކެވެ. އޭނާގެ އެއްވެސް ކުށެއް ނެތި އޭނާއަށް ގޮވި އެއްޗެތި ވަރަށް ރަނގަޅަށް އަޑުއިވުނެވެ. އެއަޑުތައް އިވުމުން އޭނާއަށްވުރެ ބޮޑަށް ދެރަވެ ގިނައިން ރުއީ އަހުރެންނެވެ. އެއީ މެޑަމަކީ ތަނަވަސް އަންހެނަކަށްވުމުން ވަރިކުރިނަމަވެސް ގޮތް ހުސްނުވާނެތީއާއި އަހުރެންނަކީ ނިކަމެތި އަންހެނަކަށްވާއިރު އަހުރެންނަށް ކައިވެނިކުރެވޭ މީހާ އަހުރެންނާއިމެދު އެގޮތަށް ކަންތައްކޮށްފިނަމަ ޖެހޭނެ ޙާލަތު ވިސްނޭތީއެވެ. ތިއައީ އަހުރެންގެ ބޮސްއެވެ. ވަޒީފާގައި ބެހެއްޓިހާދުވަހަކު ޚިދުމަތްކުރާނަމެވެ. ހަމައެގޮތަށް ތިއައީ ހަމަ އެފިރިމީހާއެވެ. ކަމެއް ދިމާވާއިރަށް އަހުރެން ފަދަ ދެރަ ނިކަމެތި އަންހެނަކަށް އަރުވައިލާނެވަރު މާބޮޑުވާނެއެވެ. ވީމާ ފިރިއެއްގެ ގޮތުގައި ޤަބޫލުކުރަން ޢުޒުރުވެރިވަމެވެ.
ބޮސްއެވެ! ނިކަން ވިސްނައިލަބަލާށެވެ! ބޮސް ކޮންމެ ދުވަހަކު އެވަރުކުރިއިރު ދުވަހަކުވެސް މެޑަމް ބޮސްއަށް އެއްވެސް އެއްޗެއް ބުނި އަޑެއް ނުއަހަމެވެ. ތަނަވަސްކަން ހުރީތީ ބަސްވެސް ބުނެވޭނެއެވެ. އެކަމަކު ފިރިމީހާއަށްޓަކައި ކެތްތެރިވީއެވެ. ބޮސްދެކެ ލޯބިވާވަރުންނެވެ. އެފަދަ ރަނގަޅު އަންތބަކު ނުލިބޭނެއެވެ. ދެންވެސް ގޮސް އޭނާއާއި ބައްދަލުކޮށް މާފަށް އެދޭށެވެ. ދެމީހުން އަލުން ގުޅުނިއްޔާ މާރަނގަލުވާނެއެވެ. ދަރިން ހޯދުމަކީ އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނެވެ. ބައްޔެއް ހުރިނަމަ ފަރުވާކޮށް ދުޢާކުރުމުން ދެއްވަވަން ހުރި އަޅަކަށް ދަރިން ދެއްވަވާނެއެވެ."
އޭނާ ވަރަށް ދެރަވިއެވެ. ނޯކަރެއް ކަމަކު އެދިނީ ވަރަށް އަގުހުރި ނަޞީޙަތެއްކަން ޤަބޫލުކުރެވި އަނބިމީހާއާއި ބައްދަލުކުރަންދިއައެވެ. މަރުޙަބާ ކިޔައި ގެއަށް ވެއްދިއެވެ. ފުރަތަމަވެސް އަޅައިގަތީ ކާޕެޓްމަތީގައި އިން ކުޑަކުއްޖާއެވެ.
އަނބިމީހާ ކުއްޖާ ނަގައިގެން ގެނެސް އޭނާގެ އަތަށް ދީފައި ބުންޏެވެ. "އައުދެވުނު ފަހަރު އުރައިލާށެވެ! މަންމަގެ ލޯބިލޯބި ކުޑަކުޑަ ދަރިފުޅާއެވެ! ހީނލާށެވެ! ތިއަ އިނދެވެނީ ބައްޕަގެ އަތުގައެވެ!"
ވީއުފަލުން އޭނާއަށް ރޮވުނެވެ. "އަޅެ ބަލިވެއިންކަން އަންގައިލިނަމައެވެ. އަހުރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. އެކަން ވިސްނިގެން މިއައީ މާފަށް އެދޭށެވެ. އަލުން ގުޅެން ބޭނުންވެގެންނެވެ. އައުމުން މިލިބުނީ މާބޮޑު އުފާވެރިކަމެކެވެ."
އަނބިމީހާ ބުންޏެވެ. "މާފުކުރާށެވެ! އަހުރެން ތިބާއަށް އިންތިޒާރުކުރީމެވެ. އެކަމަކު ތިއަ ބުނި ކަންތައް ކޮށްދެވޭކަށް މިހާރަކު ނެތެވެ. އަހުރެން މިހުރީ ދެވަނަ ކައިވެނިކޮށްގެންނެވެ. މިހާރުވެސް ބަނޑަށް 3 މަހެވެ." އެހެން ބުނުމުން އޭނާއަށް ޖެހުނީ ދެރަވެ ކަރުނައަޅަމުން ނުކުމެގެންދާށެވެ. ދަމުން ބުނީ ދަރިފުޅާއި ބައްދަލުކުރަން އަންނާނެ ކަމަށެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކަށް ފާހަގަކުރަން ބޭނުންވަނީ ނޯކަރު އަންހެންކުއްޖާ ދެއްކި ވާހަކައެވެ. ބޮސްއާއި ކައިވެނިކޮށް ތަނަވަސް ދިރިއުޅުމެއް ލިބެން އޮތް ފުރުޞަތު ދޫކޮށްލި ކަމެވެ. ބުއްދީގެ ބޭނުން އޭނާ އެކުރީ އެންމެ ރަނގަޅަށެވެ. ހުރިހާ އަންހެނުންވެސް އެވިސްނުމުގައި ތިބޭނަމަ ހުރިހާ އަންހެނުންވެސް ތިބޭނީ ހާދަ އުފަލުގައެވެ.
ދެވަނަ ކަމަކަށް ފާހަގަކުރަން ބޭނުންވަނީ ދަރިން ނުލިބި ލަސްވާއިރަށް އަނބިމީހާ ކުށްވެރިކޮށް ނިކަމެތިކުރުމުގެ ނުބައި އާދައެވެ. އެއީ ގިނަ ބައެއްގެ ކިބައިގައި ހުންނަ އާދައެކެވެ. އެފަދަ މީހުންނަށް މިޙާދިށާއަކީ ރަނގަޅު ފިލާވަޅަކަށްވާނެއެވެ. އިން ޝާ ﷲ
- ސައިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ