މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، އިރުގެ ހޫނުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާގެ ހިސާބުތަކުން ދައްކާގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނުމިން ހުންނާނީ މަތީގައެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. މި ދުވަސްވަރު ހޫނު ގަދަވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އުޑުމަތީގައި ވިލާ މަދުވުމާއި، ވައި މަޑުވުން ހިމެނެއެވެ. މީގެ އިތުރުން ވައިގެ ތެއްކަން ހިފެހެއްޓޭ މިންވަރު މަތިވުމަކީވެސް ހޫނު އިހުސާސްކުރެވޭ މިންވަރު އިތުރުވާ ސަބަބެކެވެ.

މޫސުމާބެހޭ އިދާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ދުވާލުގެ ހޫނުމިނާއި ރޭގަނޑުގެ ހޫނުމިނާ ދެމެދު ހުންނަ ފަރަގު މިދުވަސްވަރު ކުޑަވެއެވެ. މީގެ ސަބަބުން އާންމު ވައިގެ ހޫނުމިނަށްވުރެ، އިންސާނާގެ ހަށިގަނޑަށް އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެޗްޕީއޭއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި ކުޑަކުދިންނަށް ކުރާ އަސަރު މާ ބޮޑު ކަމަށެވެ. އެހެންކަމުން، އެފަދަ ކުދިން ހޫނުން ރައްކާތެރިކުރުމަށް ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރު ހޫނުން ރައްކާތެރިވުމުގެ ގޮތުން ގިނައިން ފެން ބުއިމަށާއި، ބޭރަށް ނުކުމެ އުޅޭއިރު އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.

މިއަދު އޮންލައިން