އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 130 އަށްވުރެ ގިނަ މީހަކަށް ދަސްކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 130 އަށްވުރެ ގިނަ މީހަކަށް ދަސްކޮށްދީފި

އަގު އެއްކުރި މަހުގެ ބާވަތްތައް ނުވަތަ ވެލިއު އެޑަޑް ޕްރޮޑަކްޓްސް ތައްޔާރުކުރުމުގެ ހުނަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 130 އަށްވުރެ ގިނަ މީހަކަށް ދަސްކޮށްދީފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ތަމްރީންތަކުގައި އަންހެނުންނާއި ފިރިހެނުންވެސް ބައިވެރިވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ވެލިއު އެޑަޑް ޕްރޮޑަކްޓްތަކަކީ ދަޅުގައާއި ޕޯޗްގައި އެކި ގޮތްގޮތަށް ބަންދުކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކެވެ. އޭގެ ތެރޭގައި ދަޅުމަހާއި، ހިކިމަހާއި، އަދި މަހުގެ އެކި ބައިތަކުން އުފައްދާ ތަފާތު ބާވަތްތައް ހިމެނެއެވެ. ރާއްޖެއިން މިހާރު އާންމުގޮތެއްގައި މަސް ބޭރުކުރަނީ ގަނޑުކުރި ރޯމަހުގެ ގޮތުގައި ކަމަށްވީ ނަމަވެސް، ސަރުކާރުގެ އަމާޒަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑުބަޔަކީ އަގު އެއްކުރި އުފެއްދުންތަކަށް ހެދުމެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރާއްޖޭގެ 5 ރަށެއްގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީންތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އެ ރަށްރަށަކީ ހދ. ކުޅުދުއްފުށި ސިޓީ، ނ. ކުޑަފަރީ، ހއ. އިހަވަންދޫ، ފ. ނިލަންދޫ އަދި ޅ. ކުރެންދޫ އެވެ.

މި ތަމްރީންތައް ހިންގާނެ ރަށްތައް ކަނޑައަޅާފައިވަނީ، އެފަދަ އުފެއްދުންތައް އުފެއްދުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް އެ ވުޒާރާއިން ރަށްރަށަށް ދަތުރުކޮށް ބެލުމަށްފަހު، އެކަން ކުރަން އެންމެ އެކަށީގެންވާ ކަމަށް ފެނުނު ރަށްތަކުގައެވެ.

މި 5 ރަށުން މުޅި ޖުމްލަ 139 މީހަކު ވަނީ ތަމްރީން ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ފިރިހެނުންނާއި 80 އަންހެނުންނެވެ. މިފަދަ ތަމްރީންތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރުވެ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން