އަންނަ ޖޫންމަހުގެ ނިއަލަށް ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަންނަ ޖޫންމަހުގެ ނިއަލަށް ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމަނީ

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ދައުލަތުގެ މީޑިއާއާ ހިއްސާކުރައްވަމުން އެމްޓީސީސީން ބުނެފައިވަނީ، މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 73 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖަހާ ސަރަޙައްދު ފުންކުރުމާއި، އެ ސަރަޙައްދު ބެކްފިލް ކުރުމުގެ އިތުރުން ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތަކެވެ.

މަސައްކަތުގެ ތަފްސީލަށް ބަލާއިރު، ރިވެޓްމަންޓް ޖެހުމުގެ 48 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ 72 އިންސައްތަ ނިމިފައިވާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ވެލި އެޅުމުގެ މަސައްކަތުގެ 64 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.

އެމްޓީސީސީން ވިދާޅުވީ މަޝްރޫޢު މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މި މަޝްރޫޢު ނިމުމާއެކު ފުނަދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން