ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މުޖުތަމައުގެ ތެރޭގައި އެންމެން ބައިވެރިކުރުމާއި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މެސެޖެއް ދެއްވައިފިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ތަޖުރިބާ ކުރަން ޖެހޭ ކަންކަން ތަފާތު މީހެއް ކަން ފާހަގަކުރައްވާފައެވެ.
ފަސްޓް ލޭޑީ ވިދާޅުވީ، ކޮންމެ އިންސާނެއްގެ ކިބައިގައި ހުންނަ ތަފާތު ކަމަކީ އެމީހާގެ ބަލިކަށިކަމެއް ނޫން ކަމަށެވެ. އަދި އެ ތަފާތު ތަކަކީ ދުނިޔެ އިތުރަށް ފުރިހަމަކޮށްދޭ އެއް ސަބަބު ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޑައުންސިންޑްރޯމް ހުންނަ ކުދިންނާއި މީހުންނަށް މުޖުތަމައުގެ ތެރެއިން ބައެއް ފަހަރު އެކަހެރިކުރުމާއި ތަފާތުކުރުމާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، "ޑައުންސިންޑްރޯމް ހުންނަ މީހުންނަށް ގިނަ ފަހަރަށް އެކަނިވެރިކަމާއި ތަފާތުކުރުމާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެމީހުންގެ ކިބައިން ފެންނަނީ ލޯތްބާއި، އޯގާތެރިކަމާއި، ކެތްތެރިކަން" ކަމަށެވެ.
ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކީވެސް އަގުވަޒަންކުރެވޭ، އަދި މުޖުތަމައުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާއި، އެކަކުވެސް ބާކީނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެސެޖު ނިންމަވާލައްވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ޑައުންސިންޑްރަމް ކުދިން ބައިވެރިކުރުވުމަކީ އިޙްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ އެ މީހުންނަށްވެސް ލިބިފައިވާ ހައްގެއް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައެވެ.