ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ އަތޮޅުތެރޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫޢެކެވެ.
ވިލިނގިލީގައި ބިނާކުރާ މި ކެމްޕަހަކީ މުޅި ރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ، ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ކެމްޕަސް ޢިމާރާތުގެ އިތުރުން، އެ ރަށުން ބޭރުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެން އެކަމަޑޭޝަން ބްލޮކެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ވަނީ އެކި ކުންފުނިތަކާ ޙަވާލުކުރެވިފައެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މި ކެމްޕަސްތައް ފަރުމާކުރެވިފައިވަނީ ޒަމާނީ ފެންވަރުގެ ކްލާސްރޫމްތަކާއި، ދަރިވަރުންނަށް އެ ތަންތަނުގައި ތިބެގެން ފަސޭހަކަމާއެކު ކިޔެވޭނެ ފަދަ ވަޞީލަތްތަކާއެކުގައެވެ. މީގެ ސަބަބުން އަމިއްލަ ރަށާއި އަތޮޅާ ގާތުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ގިނަ ދަރިވަރުންތަކަކަށް ލިބިގެންދާނެއެވެ.