ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ބޭނުންވާ ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފިއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، މިވަގުތު ރާއްޖެއަށް ތެޔޮ ލިބުމުގެ އެއްވެސް ދަތިކަމެއް ނެތެވެ.
އެސްޓީއޯއިން ވިދާޅުވީ ތެލުގެ އައު ޝިޕްމަންޓެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި، އަދި އިތުރު ޝިޕްމަންޓެއް ރާއްޖެއަށް އައުމުގެ މަގުމަތީގައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތެލުގެ ސްޓޮކް ހުސްނުވެ ހިފެހެއްޓުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ޝިޕްމަންޓްތަކެކެވެ.
ތެލުގެ އިތުރުން، ކައްކާ ގޭހުގެ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ވެސް އެސްޓީއޯއިން މިހާރު ދަނީ ކުރަމުންނެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި މި ދުވަސްވަރު ގޭހުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން މިހާރު ގޭސް ވިއްކަމުން ދަނީ ވަކި މިންވަރަކަށް ލިމިޓްކޮށްގެން ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. މިއީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ގޭސް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.