ބީއެމްއެލްގެ އެހީއާއެކު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ރައީސްގެ ދުރުވިސްނުންފުޅުގެ ނަތީޖާއެއް: ވަޒީރު މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ބީއެމްއެލްގެ އެހީއާއެކު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ރައީސްގެ ދުރުވިސްނުންފުޅުގެ ނަތީޖާއެއް: ވަޒީރު މުއްޠަލިބް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅުގެ ދަށުން ހޯއްދެވި ޙައްލުގެ ނަތީޖާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހާރު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އުސޫލުތަކަށް ބަދަލު ގެނެސް، ރާއްޖޭގެ މާލީ އިދާރާތަކުން ވަކި އިންސައްތައެއް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ހޭދަކުރަން ޖެހޭ ގޮތަށް އިސްލާޙުތަކެއް ގެނެސްފައެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުތަކަކީ ދަތި ހާލަތުގައި ދިރިއުޅޭ، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައްޓަން ކުރާ މަޝްރޫޢުތަކެއް ކަމަށެވެ.

ސަރުކާރު ހަވާލުވިއިރު ރާއްޖެ އޮތް މާލީ ހާލަތުގެ ސަބަބުން ބޭރުގެ ބޭންކުތަކުން އެހީ ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރައީސް މަސައްކަތް ކުރެއްވީ ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެމްއެމްއޭގެ ގަވާއިދުތަކަށް ގެނައި ބަދަލާއެކު، ބޭންކުތަކުން ބޯހިޔާވަހިކަމަށް ވަކި މިންވަރެއް ކަނޑައަޅަން ޖެހޭ ގޮތް ވަނީ ހަދާފައެވެ.

ވަޒީރު މުއްޠަލިބް އިތުރަށް ވިދާޅުވީ، "ބީއެމްއެލްއަކީ ސަރުކާރުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ބައިވެރިޔާ. މިއީ، ދަޢުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުމާއެކު ގުޅިގެން ހޯދިފައިވާ އިޖާދީ ޙައްލުތަކެއް. ރައީސްގެ ވިސްނުންފުޅުގެ ނަތީޖާ. މި ޔުނިޓުތައް ދޫކުރާނީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން." ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ލީސް ޓު އޯން މޮޑެލްގެ ދަށުންނެވެ. މިއީ އެއްފަހަރާ ފައިސާ ދައްކަން ނުޖެހި، ވަކި މުއްދަތަކަށް ކުލި ދައްކައިގެން ތަން އަމިއްލަ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، އާންމުންނަށް ލުއި ފަސޭހަ މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން