ބޭންކް އޮފް މޯލްޑިވްސްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ 28 މާރިޗްވާ ހޮނިހިރު ބާއްވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. މި ޖަލްސާ އޮންނާނީ ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގަ ހޮނިހިރު ދުވަހުގެރޭ 9:00 ގައި ކަމަށް އެ ބޭންކުން ނެރުނު އިއުލާނުގައި ވެއެވެ.
މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޟިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިންގ މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.
މި ޖަލްސާގައި ބައިވެރިވުމަށް ޕްރޯ-ރަޖިސްޓަރ ތިރީގައިވާ ލިންކުން ކުރެވޭނެއެވެ.
14 މާރިޗްގައި ހުޅުވާފައިވާ ޕްރީ ރަޖިސްޓްރީވުމުގެ ފަހު ތާރީޚަކީ 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެރޭ 9:00 އެވެ. މީގެ އިތުރުން
އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށްވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ ނުހަނު މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި މި ބޭންކުގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާތީ، މި ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ކަމުގައިވާތީވެ، ވީހާވެސް ގިނަ ހިއްސާދާރުން މިއަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ މި ބޭންކުގެ ވަރަށް ބޮޑު އެދުމެކެވެ.
ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު، ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފައެވެ. ވޭތުވެދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެކެވެ.