ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޯހިޔާވަހިކަމުގެ މަސައްކަތުގައި ބައިވެރިވާން ނިންމި ނިންމުމަކީ ހަމައެކަނި މަންފާއަކަށް ކުރާ މަސައްކަތެއް ނޫން ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލީ އިދާރާތަކުގެ ސިޔާސަތަށް ގެނައި ބަދަލާއެކު، ބީއެމްއެލްއިން ބޯހިޔާވަހިކަމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަކި ކުންފުންޏެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި، މި ކުރު މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެން ދިއުމަކީ ބޭންކުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއީ ވަރުގަދަ ސިޔާސަތުތަކަކާއި، ލީޑަޝިޕަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، މިއީ ޤައުމުގެ ތަރައްޤީއާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ބޭންކިން ނިޒާމުގެ ތެރެއިން ޙައްލުތަކެއް ހޯދުމަށް ކުރެވޭ ވަރަށް ވަރުގަދަ މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 'ލީސް ޓު އޯން' މޮޑެލްގެ ދަށުންނެވެ. މިއީ ބޭންކެއް މެދުވެރިކޮށް ރާއްޖޭގައި މި މޮޑެލްއަށް ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫޢުކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
"މިއީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ފަސޭހައިން އަދާކުރެވޭ ހެޔޮ އަގެއްގައި މަހުން މަހަށް ފައިސާ ދައްކަން ޖެހޭގޮތަށް ގެންދާ މަސައްކަތެއް،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ މި އައު އިސްނެގުމާއެކު، ގިނަ އާއިލާތަކަކަށް އަތްފޯރާ ފަށެއްގައި އަމިއްލަ ބޯހިޔާވަހިކަން މިލްކުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.