ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން ތައިލެންޑުގެ ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފިއެވެ. މި ފެއަރގެ ދަށުން ދަތުރުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި މި ޚާއްސަ ފެއަރގައި ދެކޮޅު ޓިކެޓްގެ އަގުތައް ފެށެނީ 399 ޑޮލަރުންނެވެ. މީގެ އިތުރުން މި ފެއަރގެ ދަށުން ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެ ކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.
ބެންކޮކަށް ކުރާ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އެގޮތުން މާލެއިން ބެންކޮކަށް ފުރާ ފްލައިޓްތައް އޮންނާނީ އެ ދުވަހެއްގެ މެންދުރުކުރީ 11:00 ގައެވެ. އަދި ބެންކޮކުން މާލެއަށް އެނބުރި އައުމަށް ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން އިރުއޮއްސި 18:40 ގައެވެ.
މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުޞަތު މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ޗުއްޓީއަށް ބެންކޮކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.