ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ގއ. ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރަށުގެ މަލަމަތި ރީތިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގެމަނަފުށީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި މަހުގެ 18 ވަނަ ދުވަހު ރަސްމީކޮށް ފަށާފައިވާއިރު، މި މަސައްކަތުގެ ދަށުން ގެމަނަފުށީގެ 5 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ އިތުރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ދުވާރު ހެދުމާއި، މަގު ބައްތި ޖެހުމާއި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުން ހިމެނެއެވެ.

ދުވާރު ހެދުމުގެ މަސައްކަތުގެ ތެރޭގައި ކާނުތައް ހެދުމާއި، ފަހުން އަޅާ ޚިދުމަތްތަކުގެ ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި، ގަސް އިންދާ ވަޅުގަނޑުތައް ހެދުމުގެ އިތުރުން ކާބްސްޓޯން ޖެހުން ހިމެނެއެވެ. އަދި ޒިގްޒެގް އިންޓަލޮކިންގ ބްލޮކް ބޭނުންކޮށްގެން ޕޭވްމަންޓްގައި ގާ އެތުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުގެ ނިޝާންތައް ކުރެހުމާއި، ޓްރެފިކް ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. މި ބޮޑު މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 76.1 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އާރްޑީސީން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން