މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމަ އިތުރަށް ދިގުލައިގެންދާނަމަ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްޞަ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ މަސްރަޙާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޚަލީލު ވިދާޅުވީ، ތެލުގެ ބާވަތްތައް ހޯދުމުގައި ވަކި ޤައުމަކަށް ބަރޯސާނުވެ، އެ ޚިދުމަތް ހޯދާ މަސްދަރުތައް އިތުރުކުރުމަށް (ޑައިވަރސިފައި ކުރުމަށް) މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ޒަރޫރީ ކާބޯތަކެތި ހޯދުމަށް އާ މާކެޓްތަކާއެކު ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީ ނުވަތަ ތަކެތި ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ޕްލޭންތައްވެސް އެކުލަވާލަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް، ތަކުލީފަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ސަރުކާރުގެ ވިސްނުމަކީ. ހަނގުރާމަ މިގޮތަށް ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާ ކުރަމުން،" ކަމަށެވެ. މިއީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ނުރައްކާވެފައިވާ ސަރަޙައްދުތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޔޫއޭއީގެ ފުޖޭރާ ސަރަޙައްދުގައި ތިބި ތިން ދަރިވަރަކު މިހާރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި އާންމު ރައްޔިތުން، އެ ޤައުމުތަކުގެ ސަރުކާރުތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.