ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި ރާއްޖެއަށް ބޭނުންވާ ވަރަށް ތެލުގެ ސްޓޮކް އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ކުރިން ހުރި މިންވަރަށް ވުރެ ދެގުނަ ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގަށް ބަދަލެއް ގެނައުމަށް ސަރުކާރުން ގަސްތުނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ތެލުގެ އަގު ބޮޑުނުކޮށް ހިފަހައްޓަނީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ބަލައި، އިގްތިސާދީ މުހިންމު ސިނާއަތްތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށެވެ. ޚާއްސަކޮށް މަސްވެރިންނަށާއި އާންމުކޮށް ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ ތެލުގެ އަގު ސަބްސިޑައިޒް ކުރަމުންނެވެ.
"ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް. އަދި ހަމައެއާއެކު ކުރިންވެސް އަންނަމުން އައިހެން ބައެއް އިންޑަސްްޓްރީތަކަށް މާބޮޑު ގެއްލުމެއް ވެދާނެތީވެ އަދި އާންމުންނަށް މާބޮޑު އެ އުނދަގޫތައް ފޯރާފާނެތީވެ ބައެއް ކަހަލަ ދިމަދިމާލުން އަޅުގަނޑުމެން ހުންނާނީ ތެލުގެ އަގުބޮޑު ނުކޮށް އެ ސަބްސިޑައިޒް ކޮށްގެން މި ގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ތެލުގެ ރިޒާވްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، އެސްޓީއޯގެ ދެ އުޅަނދު ކަމަށްވާ ”އަލިމަސް“ އަދި ”ނިއޯން“ އިން މިހާރު ތެޔޮ ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން، އޭޕްރީލް މަހުގެ ކުރީކޮޅު ސިންގަޕޫރާއި އޮމާންގެ ސޮހާރުން ތެޔޮ ހިފައިގެން އިތުރު ދެ އުޅަނދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ރައީސްގެ އިރުޝާދަށް ބަލާއިރު، ބޭސްފަރުވާއާއި އަދި ބޯހިޔާވަހިކަމާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށްދެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރަން އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ހަނގުރާމަ ދިގުދެމިގެންދާނަމަ ބައެއް މަސައްކަތްތަކުގެ ތާރީޚުތައް ފަސްކުރުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސިއްޙީ ކަންކަމަކީ އެކަމަށް ބަދަލެއް ގެނެވޭނެ ކަންކަމެއް ނޫން. ރައީސް އިރުޝާދު ދެއްވީ މެޑިކަލް އެއްވެސް ކަމަކަށް ބުރޫ ނާރާގޮތަށް ގެންދަން. ދެން މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަސައްކަތްތައްވެސް ނުހުއްޓި ގެންދިއުމަށް. އެހެންވީމަ ޕްރޮޖެކްޓްތަކުގެ ޝެޑިއުލްތަކަށް ބައެއް ބަދަލު ގެނެސްގެން ކޭޝް ފްލޯ މެނޭޖް ކުރެވިދާނެ." ވަޒީރު ވިދާޅުވިއެވެ.