މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް މިވަގުތު ރާއްޖެއަށް ނެތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ މަސްރަޙާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވީ، މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް މިހާރުވެސް އަމަލު ކުރަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އިސްކަންދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ސަލާމަތަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އަސްކަރީ ގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ," ވަޒީރު ޣައްސާން ވިދާޅުވި އެވެ.
މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، ރާއްޖޭގެ އިޤްތިޞާދަށާއި ސަލާމަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ސަރުކާރުން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.