ދިވެހިރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ގާއިމުކޮށް ހިންގުމަށް އެ ވުޒާރާއިން އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތަކީ މި މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް، މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އެޕްރީލް މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ކުންފުނިތަކާއި ޖަމްޢިއްޔާތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ގަބޫލުކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން، ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދިނުމަށް އެދި ޝައުގުވެރިވާ ގިނަ ފަރާތްތަކަކުން ރަސްމީކޮށް އަދި ނުރަސްމީކޮށްވެސް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. މި ބަދަލާއެކު، ވީހާވެސް ގިނަ ފަރާތްތަކަށް މި މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.